ކ. މާލެ
|
13 ނޮވެންބަރ 2024 | ބުދަ 14:53
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ
މަޖިލިސް
ސިޔާސީ ޕާޓީ
ސިޔާސީ ޕާޓީތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ބިލު މަޖިލީހުން ފާސްކޮށްފި
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ އުސޫލަށް ވެސް ބަދަލު ގެނައުމަށް ހިމަނާފައިވޭ
އުވާލާ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮންނަ ފަސް އަހަރަށް ބޭނުން ނުކުރޭވެނެ

ސިޔާސީ ޕާޓީތައް އެއްލައްކަ ރުފިޔާގެ އަދަދަކުން ޖުރިމަނާ ކުރެވޭ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލަށް މުޅި މަޖިލީހުގެ ކޮމިޓީން 2 އިސްލާހެއް ހުށަހެޅިއެވެ. އަދި އެ ދެ އިސްލާހާއެކު ބިލުވަނީ ފާސްކޮށްފައެވެ. ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށް ހުށަހެޅި ބަދަލު ގެނައުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުން ކަމުގައެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައިވަނީ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރިން ޕާޓީ ޖުރިމަނާ ކުރާ ގޮތައް ގާނޫނުގައި ކަނޑައަޅާފައި ނެތް އިރު، މިހާރު މިގެންނަ ބަދަލާއެކު އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ހުށަހެޅުމުގައިވެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 - 10,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 - 75,000  ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

މެމްބަރު ލަތީފުގެ ހުށަހެޅުމުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ، އެ ގާނޫނުގެ 10 ވަނަ މާއްދާ އުވާލުންވެސް ހިމެނެއެވެ.

މީގެ އިތުރުން, ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރާ ގޮތައް ބަދަލު ގެނައުން ވެސް މި ހުށަހެޅުމުގައި ވެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން މިހާރު އޮންނަ ގޮތް ކަމަށްވާ އަހަރުގެ ޖުމްލަ ބަޖެޓުގެ 0.1 އާއި 0.2 އިންސައްތައިގެ ދެމެދުގެ އަދަދު ބަދަލުކޮށް ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 އާއި 0.2 ދެމެދުގެ އިންސައްތަ ޕާޓީތަކަށް ހަމަ ޖެއްސުން ހިމެނެއެވެ.

މަޖިލީހުން އިތުރުކުރި އިސްލާހަކީ އުވާލާ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮންނަ ފަސް އަހަރަށް ބޭނުން ނުކުރޭވެ ގޮތަށް ހެދުމާއި، ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބާއްވާ ޕާޓީތައް އުވޭގޮތަށް މީގެ ކުރިން ގާނޫނުގައި އޮތް މާއްދާ އުވާލުމަށެވެ.

- ކޮމެންޓް