ކ. މާލެ
|
8 ނޮވެންބަރ 2024 | ހުކުރު 10:45
ހެލްތު އެކްސްޕޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެލްތު އެކްސްޕޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ހެލްތު އެކްސްޕޯ 2024
ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްޙީ ނިޒާމެއްގެ ތެރޭގައި ތިބެވެން ނެތް - ނާޒިމް
މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ދިމާލަށް ކަންކަން ބައްޓަންކުރުމަށް ކަމަށް

ހަގީގަތުގައި ބަލިމަޑުކަމުގެ ފަހަތުން ދުވާ ސިއްޙީ ނިޒާމެއްގެ ތެރޭގައި ރާއްޖެ އަށް ތިބެވެން ނެތްކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަަދައިން ވިދާޅުވީ ހެލްތު އެކްސްޕޯ 2024ގައި ވާހަކަދައްކަވަމުންނެވެ.

މިއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިފަދަ އެކްސްޕޯއެއްގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިއެކްސްޕޯ ކޮންމެ އަހަރަކުވެސް ބާއްވަން ހަމަޖެހިފައިވާކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އެކަމުގެ އެންމެ މުހިންމު ބޭނުމަކީ ދުޅަހެޔޮ ސިއްޙަތަކަށް ހޭލުންތެރިކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި އެކްސްޕޯގެ އެހީގައި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދެމެހެއްޓެނިވި ތަރައްޤީއާ ދިމާލަށް ކަންކަން ބައްޓަންކުރުމަށް ކަމަށެވެ. ދުޅަހެޔޮ އާބާދީއަކަށްވުރެ ބޮޑު ރައުސުލްމާލެއް ޤައުމެއްގައި ނޯންނާނެ ކަމަށާއި ސިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން މިހާރުވެސް ކުރަމުންދާ ކަަމަށް ވަޒީރު ވިދާޅުވިއވެެ. އެގޮތުން ޤާނޫނީ ބަދަލުތަކާއި ހެލްތު އިންޝުއަރެންސް ހަރުދަނާކުރުމުގެ މަސައްކަތް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހެލްތު އެކްސްޕޯ 2024 ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި އެ އެކްސްޕޯއަކީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށާއި ސިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. އެ އެކްސްޕޯ ކުރިއަށް ގެންދަނީ "ފުރިހަމަ ސިއްޙަތަކަށް މުޅި ޤައުމު އެކުގައި" މިނަމުގައެވެ.

އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ދާއިރާގެ ހަފްތާ 52ގެ މަސައްކަތާ ގުޅޭ ފޮތް ނައިބު ރައީސްވަނީ ނެރުއްވާދެއްވާފައެވެ.

މިއެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސްވަނީ އެކްސްޕޯ ބައްލަވާލައްވާފައެވެ.

- ކޮމެންޓް