މަހަކު އެއްފަހަރު މަސްވެރިންނަށް ފައިސާ ލިބުނަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި 48 ގަޑީއިރު ތެރޭގައި ކިރާ މަހަށް ފައިސާދޭ ވައުދުފުޅަށް ބަދަލެއް ނާންނަ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ 48 ގަޑީއިރު ތެރޭގައި މަސްވެރިންނަށް ފައިސާދޭނެ ވައުދަކީ ފިލާނެ ވައުދެއް ނޫން ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި މަސްވެރިކަމާއި ގުޅޭ ވައުދެއްނަމަ ނުފުއްދާ ނުތިއްބަވާނެ ކަމަށެވެ. އަދި ވައުދު ފުއްދަވަން ކުރައްވަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، މަސްވެރިންނަށް ފައިސާދޭން އުނދަގޫ ކަމަށެވެ.
ވެރިކަމަށް އައި އިރު އާމްދަނީ ހޯދަން އިތުރު އެހެންގޮތެއް ހޯދާފައި ނެތީ. ބިލްތައް ދައްކަންވެސް ލޯނަށް ދައްކަންވެސް ހުރީ ޗާޕްކޮށްގެން ހަމަޖައްސަން. ފައިސާ ޗާޕް ނުކުރާނަމަ އުނދަގޫތަކެއް ހުންނާނެ ބިލްތަކަށް ފައިސާ ދައްކަން. އެގޮތުން ވަރަށް އުނދަގޫވި 250 މިލިއަން ރުފިޔާ ދައްކަން. ރޯދަމަސް އަންނަންވާއިރަށް ފައިސާ ދެއްކީ އެހެންވެ. 48 ގަޑީއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭންވެއްޖެއްޔާ ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ. ފުރަތަމަ ކަމަކީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އިތުރު ކުރުމާއެކު މަސްވެރިން ސިނާއަތުގައި ހުރި ކަންކަން ހައްލުކުރުން. މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރެވޭއިރު ބާނާ މަހަށް ރަނގަޅު އަގެއް ދެވިފައި އަވަހަށް ފައިސާ ދޭނެ ފައިސާވެސް ހުންނާނެ.ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
މިނިސްޓަރު ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކުރެވިގެން ފައިސާދެވޭނެ ކަމަށެވެ. މިފްކޯ ރައިޓްސައިޒް ކުރުމަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 48 ގަޑީއިރު ތެރޭގައި ފައިސާ ދޭ ވައުދު ވަރަށް އަވަހަށް ފުއްދަވާނެ ކަމަށާއި، ފައިސާ ނުދެވެނީ ފިސްކަލް ހާލަތު ހުރި ގޮތުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިން ފައިސާ ދައްކަމުން ބިލްތަކަށް ފައިސާ ދެމުން، ސަރުކާރުން އަދާކުރަންޖެހޭ ލޯނުތައްވެސް ދައްކާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 20 ރުފިޔާއަށްވުރެ މަސްކިލޯގެ އަގުވެސް ކުޑަ ނުކުރަން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި، ނަމަވެސް މިފްކޯއަށް ސަބްސިޑީދީގެން އެކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ.