މަސްވެރިކަމުގެ އާ ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމަށް 8.3 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މައުރޫފް ސުވާލުކުރައްވާފައި ވަނީ ކަނޑުމަސް، ލައްޓި، ރާގޮނޑި، ހިކިކަނޑުމަހުގެ ގޮތުގައި ކައްކާ ހިއްކާ ވިއްކައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ހޯދާދިނުމަށް ކުރަމުންދާ ކަންތައްތައް ސާފުކުރުމަށެވެ. އަދި އެ ފަރާތްތަކަށް ތެލުގެ ސަބްސިޑީ ނުލިބި، މަސްވެރިކަމުގެ ސިނާއަތުގެ އެކި ބާވަތްތަކުން މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ސަބަބަކީ ކޮބާތޯ ވެސް މައުރޫފް ވަނީ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ އާ ޕްރޮޑަޓްތައް ބާޒާރަށް ނެރުމަށާ، އުކާލާ މަހުގެ ބާވަތްތަކުން ފައިދާ ވާ ޕްރޮޑަކްޓްތައް އެކުލަވާލުމަށް 8.3 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 128 މިލިއަން ރުފިޔާއެވެ. އެ ފައިސާ ހަމަޖައްސާފައި ވަނީ ވޯލްޑްބޭންކްގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް މަހުގެ އުފެއްދުންތައް އުފައްދާ ބާޒާރަށް ބާރު އެޅުމަށް 1.8 މިލިއަން ޑޮލަރ ނުވަތަ 27.7 މިލިއަން ރުފިޔާ ވާނީ ހަމަޖެހިފަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ 40% ހިލޭ ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިހާރުވެސް މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާ މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޭން މި ވަނީ މަސައްކަތް ފަށާފަ. އެ މަސައްކަތް ކުރަނީ އިސްލާމިކް ބޭންކާއި ގުޅިގެން.މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް![]()
މައުރޫފްގެ ސުވާލަށް ޖަވާބުދެއްވަމުން ދެން ޝިޔާމް ދެއްކެވީ ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން މަސްވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތައް ހަލާކުވި ވާހަކައެވެ. އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަހުގެ އަގު ބޮޑުކޮށްފައި ވަނިކޮށް މަސް ގަންނަ އަގު އަލުން ކުޑަކުރުމަށް މި ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާ ޝިޔާމް ވަނީ ވާހަކަވާފައެވެ. އެގޮތުން މަސް ގަންނަ އަަގު ކުރީ ސަރުކާރުން ބޮޑުކުރުމުން މަސް ގަންނަ އަމިއްލަ ކުންފުނިތައް ބަނގުރޫޓުވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.