ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 18:11
 މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
ރައްޔިތުންގެ މަޖިލިސް
ސަޕްލިމެންޓަރީ ބަޖެޓް
"ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް"
ހަރަދުތައް ފޫބެއްދުމަށްކަމަށް ބުނެ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފަ
މި އަހަރުގެ ބަޖެޓުން ނުވެގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ އިރު މި ބަޖެޓާއި މެދު ވިސްނާލަންޖެހޭ ކަންކަން ހުރި ކަމަށް ޣަފޫރު ވަނީ ވިދާޅުވެފަ
މިއަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް

ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން މި އަހަރު ވެގެން ދާނީ މިހާތަނަށް ރާއްޖެ އަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކުރި އަހަރަށް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ފާސްކުރި އެންމެ ބޮޑު ބަޖެޓް ހުސްކޮށްލި ގޮތް ސަރުކާރަށް ބުނެދެވިފައި ނުވުމަކީ އާއްމު ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މި އަހަރުގެ ބަޖެޓަކީ އިންތިހާ ބޮޑު ބަޖެޓެއް ކަމަށާއި މަޝްރޫޢުތައް ނުހިންގާ އެ ބަޖެޓް ހުސްވި ގޮތެއް ސާފު ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި މެދު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޖެޓުން ނުވެގެން އުޅޭ ސަބަބެއް ވަރަށް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓުން ނުވެގެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ އިރު މި ބަޖެޓާއި މެދު ވިސްނާލަންޖެހޭ ކަންކަން ހުރި ކަމަށް ޢަފޫރު ވަނީ ވިދާޅުވެފައެވެ.

ވިސްނާލަން އެބަޖެހޭ. ބަޖެޓުން ނުަވަނީ ކީއްވެތޯ؟ 1500 މިލިއަން ރުފިޔާ އެބަ ހިމެނޭ ރިކަރަންޓް ޚަރަދަށް. 3611 މިލިއަން ރުފިޔާ އެބަ އޮތް ކެޕިޓަލް ޚަރަދުގެ ގޮތުގަ. ކޮންޓިޖެންސީ ބަޖެޓުގެ ގޮތުގައި 650 މިލިއަން ރުފިޔާ. އަޅުގަނޑުމެން ދައްކަނީ ޚަރަދު ކުޑަ ކުރާ ވާހަކަ. އެކަން ވާތަނެއް ނުވޭ. ޚަރަދު ވެއްޖެ ދުވަހަކު ނުކުރާ ވަރަށް. މާލިއްޔަތު ކޮމިޓީއަކުން ނުފެނޭ. މަޖިލީހަކުން ނުފެނޭ. ފިނޭންސްގަ ހުރެދާނެ ކަންނޭނގެ. މީގެ ނަތީޖާ ސާފުކޮށް ފެންނަން ވާނެ. ޚަރަދު ބޮޑުވާހަކަ އާއި ލޯން ނަގާ ވާހަކަ މި ދައްކަނީ. 1 ބިލިއަން ޑޮލަރާ ކައިރިވާ ވަރަށް މި ސަރުކާރުން ލޯނު ނަގައިފި. ލިޔެކިޔުން އެބަ ހުރި. ޚަރަދު މި ދަނީ އަރައިގެން. ލޯނު މިދަނީ އިންތިހާ އަށް. ރައްޔިތުން ސުވާލު ކުރޭ ޕްރޮޖެކްޓް ނުހިނގާ ޚަރަދު ހިނގާ ގޮތް. ލޯނުގެ ގޮތުގަ ހިނގާ ކަމެއް ނޫނީ ނުހިނގާ. 1000 މިލިއަން ބިން ހިއްކުމަށް ޖަހާފަ އެބަ އޮތް. އެއީ މި ބަލަނީ ފުށިދިއްގަރުފަޅު ހިއްކަން ކަމަށް.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު ސަރުކާރުގެ ދަރަނިތަކުގެ ވާހަކަދެއްކުމުން ޕީއެންސީގެ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަގައިގެން އެކަމަށް ރައްދު ދީފައެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުވުމުން މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ މުސާރައިން ބައެއް އުނިކޮށް އެ ފައިސާ ދޭން އުޅޭކަމަށް ޣަފޫރު ވިދާޅުވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޣަފޫރަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި، ފަނޑިޔާރުންގެ މުސާރަ ކުޑަ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ މުސާރަ ކުޑަކުރަން އެ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންގޮސް، ޕީއެސްއައިޕީގެ މަސަައްކަތްތައް ހުއްޓާލާފައި އޮއްވާ އަދި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދުކުރި ގޮތް ހާމަނުކޮށް ތިބުމަށްފަހު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްކަމަށް ބުނެ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129(ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއާއެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މިއަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓުން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ހަރަދުތަކަކީ މުސާރައާއި، މެޑިކަލް ސަޕްލައި، ބޭސްފަރުވާގެ އެހީ އަދި ސަބްސިޑީއެވެ.


Advertisement
- ކޮމެންޓް