ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 17:23
މެމްބަރު މީކާއިލް ނަސީމް، މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
މެމްބަރު މީކާއިލް ނަސީމް، މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ސަޕްލިމެންޓްރީ ބަޖެޓް
"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"
މަޖިލީހުގެ އިތުބާރު ގެއްލުވާ ނުލުމަށް އޭނާ ވަނީ ގޮވާލައްވާފަ
ކޮމިޓީތަކުން ނިންމާ ނިންމުންތައް ވެސް ރައީސްގެ އެންގުމަށް ބަދަލުކުރަމުންދާ ކަމަށާއި މަޖިލީހަކީ ސަރުކާރުގެ ޑެސްކެއްގެ ގޮތުގައި މިހާރު ސިފަވާ ކަމަށް އޭނާ ވިދާޅުވި
މިކަމަކީ ދިގު މުއްދަތަކަށް ބަލާ ނަމަ ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ރައްޔިތުންނަށް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅޭ އިރު ރައްޔިތުންގެ ފައިސާ ޚަރަދު ކުރެވޭ ގޮތަށް ބަލާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީކާއިލް ވަނީ މުއައްސަސާތަކުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް ހުށަހެޅުމުން ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަގުލަބިއްޔަތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާނެކަމަށް ބުނެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މީކާއިލް ވިދާޅުވީ އެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ނަޒާހަތްތެރިކަމެއް ނެތްކަމާއި، ދެ ފުށްފެންނަ ގޮތަށް ސަރުކާރު ހިންގުމުގައި މަޖިލީހުން ހުރަހަކަށް ވާކަމުގެ ހެއްކެއް ކަމަށެވެ.

އެބަ އިވޭ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ 228އަކަށް މީހުން ވަކިކުރާ ވާހަކަ. މިއީ ވަރަށް ބޮޑު ޖޯކެއް. ވަކިކުރާ ވުޒާރާ އެއް އިނގެނީ އެއް ނޫން. އޭގެ މައުލޫމާތު ސާފެއް ނޫން. އިއްޒަތްތެރި ރައީސް، ސިޔާސީ ގޮތުން އައްޔަން ކުރާ މީހާ އަށް މުސާރަ ދެނީ ރަައްޔިތުންގެ ޓެކްސް ފައިސާ އިން. އޭނާ މަސައްކަތް ކުރާ ވުޒާރާ އާއި، އޭނާ އަށް ލިބޭ މުސާރަ އާއި، އެނާގެ މަސައްކަތް އާޢްމުންނަށް އެނގެންވާނެ. އެހެންނަމަވެސް އިއްޔެވެސް ބައެއް ވުޒާރާތަކަށް ބޭފުޅުން އައްޔަންކުރި ސިޓީ އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާ އިން މި ފެންނަނީ. އެހެންނަމަވެސް މި ޖުމްލަ އަދަދު ސާފުވާ ގޮތެއް އެއްގޮތަަކަށް ވެސް ނުވޭ. މިއީ ދިމްޔާތުން ނެރޭ ފައިސާ އެއް ނޫން.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މިހާ ބޮޑަށް ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރާ ގޮތް ސިއްރު ކުރަން އުޅުއްވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ފާރަވެރިވުމަކީ މަޖިލީހުގެ ޒިންމާ އެއް ކަމަށް އޭނާ ވިދާޅުވިއެވެެ. ނަމަވެސް މަޖިލިސް އޮޕަރޭޓްކުރަނީ ރައީސް ވިދާޅުވި ގޮތަކަށް ކަމަށާއި 20 ވަނަ މަޖިލީހަކީ ރަބަރ ސްޓޭމްޕް މަޖިލީހަކަށް ހަދާފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. އެގޮތުން ކޮމިޓީތަކުން ނިންމާ ނިންމުންތައް ވެސް ރައީސްގެ އެންގުމަށް ބަދަލުކުރަމުންދާ ކަމަށާއި މަޖިލީހަކީ ސަރުކާރުގެ ޑެސްކެއްގެ ގޮތުގައި މިހާރު ސިފަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަކީ ދިގު މުއްދަތަކަށް ބަލާ ނަމަ ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އާމްދަނީ އެތައް ގުނަ އެއް ފަހަތަށް ޖެހޭނެ ކަމެއް ކަމަށާއި އިންވެސްޓަރުންގެ އިތުބާރުވެސް މިކަމުގެ ސަބަބުން ގެއްލޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. މަޖިލީހުގެ އިތުބާރު ގެއްލުވާ ނުލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.


Advertisement
- ކޮމެންޓް