ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 06:11
އުތުރު ޣައްޒާގެ ޖަބާލިޔާ ސަރަހައްދަށް ތަކުރާރުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި އެ ސަރަހައްދު ފުނޑުފުނޑު ވެފައި
އުތުރު ޣައްޒާގެ ޖަބާލިޔާ ސަރަހައްދަށް ތަކުރާރުކޮށް އިޒްރޭލުން ދިން ހަމަލާތަކުގައި އެ ސަރަހައްދު ފުނޑުފުނޑު ވެފައި
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިޒްރޭލު ސިފައިން ޣައްޒާގެ އަލް-ފަލޫޖާ ސަރަޙައްދުގެ ގޭގޭގައި ގޮވާ ތަކެތި ހަރުކުރަނީ
ޣައްޒާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 42،289ށް ވަނީ އަރާފައި

އިޒްރޭލު ސިފައިން ޖަބާލިޔާ ރެފިއުޖީ ކޭމްޕްގެ އަލް-ފަލޫޖާ ސަރަޙައްދުގެ ގޭގޭގައި ގޮވާ ތަކެތި ހަރުކުރަމުންދާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އާންމުން ދިރިއުޅޭ ގޭގޭގައި ގޮވާތަކެތި ހަރުކުރަމުންދާއިރު އިޒްރޭލުން ޣައްޒާގެ އުތުރުގެ ސަރަހައްދު ހިޞާރުކޮށް ގާތްގަނޑަކަށް 400،000 ފަލަސްޠީނު މީހުން އެ ސަރަހައްދުގައި ވަނީ ބަންދުވެފައިވެއެވެ.

އަނެއްކޮޅުން އުތުރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕްގައި ހުރި ޙަފްސާ ސްކޫލަށް އިޒްރޭލު ސިފައިން ވަނީ ހަމަލާދީފައެވެ. މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ޢާއިލާތަކެއް ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އިމާރާތެއް ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

ވަފާ ނިއުސް އޭޖެންސީން ބުނާ ގޮތުގައި، ހަފްސާ ސްކޫލަށް ދިން ހަމަލާގައި 3 މީހުން މަރުވެ، 15 މީހުން ވަނީ ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ސްކޫލުގެ ގޯތިތެރޭގައި ކުޅެން އުޅުނު ކުޑަކުއްޖެއްވެސް ހިމެނެއެވެ.

ވަފާ އިން އިތުރަށް ބުނެފައިވަނީ، މި ކޭމްޕްގެ އަލް-ފަލޫޖާ ސަރަޙައްދުގައި ހުރި އާންމު މީހުންގެ ދެ ގެއަކަށް ވެސް ވަނީ އިޒްރޭލު ސިފައިން ހަމަލާދީފައެވެ. މި ހަމަލާތަކަށްފަހު، މީހުން ސަލާމަތް ކުރާ ފަރާތްތަކަށާއި މެޑިކަލް ޓީމްތަކަށް މި ދެ ގެއަށް ވަދެވޭ ގޮތް ވެފައި ނުވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި މިތަނުން އެއް ގެއަކަށް ދިން ހަމަލާގައި 4 މީހުން މަރުވެފައިވެއެވެ.

ޣައްޒާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 42،289 ށް ވަނީ އަރާފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު 98،684ށް ވުރެ މައްޗަށް ގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް