ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 19:23
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓްރީ
ނަފްސާނީ ދުޅަހެޔޮކަން
ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭ - މިނިސްޓަރ
އެ މަނިކުފާނު ވިދާޅުވީ ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުން މާނަ ކުރެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހަކު ހެޔޮ ޙާލުގައި ވުމަށް ކަމަށް ނާޒިމް ވިދާޅުވި
ނަފްސާނީ ސިއްޙަތާއި ނުލާ ސިއްޙަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކާފާވާ ޙަޤީޤަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި

ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެފަދައިން ވިދާޅުވި ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަސް 2024ގެ ހިތާބުގައި ވާހަކަދައްކަވަމުންނެވެ.

ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުމަކީ ނިއުމަތެއް ކަމަށް ސިފަކުރައްވާ އެ މަނިކުފާނު ވިދާޅުވީ ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުން މާނަ ކުރެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހަކު ހެޔޮ ޙާލުގައި ވުމަށް ކަމަށެވެ.

އަދި ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން، "ޞިއްޙަތު" މާނަ ކޮށްފައިވަނީވެސް ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ހިމެނޭގޮތަށް ކަމަށާއި ނަފްސާނީ ސިއްޙަތާއި ނުލާ ސިއްޙަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކާފާވާ ޙަޤީޤަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވަރަށް ގިނަފަހަރު އަޅުގަނޑުމެންނަށް ސަމާލުކަންދެވެނީ ހަމައެކަނި ޖިސްމާނީ ޞިއްޙަތަށް ކަމަށާއި ބޮޑު ރޯގާ އެއްޖެހުމުން ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް ބޮޑު ޒަޚަމެއް ލިބުމުން އެއުފުލަންޖެހޭ ތަދަށް ނުވަތަ އަޅަންޖެހޭ ވޭނަށް ވިސްނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނާޒިމް ވަނީ ވަރަށް ގިނަ ފަހަރު ނަފްސާނީ ޞިއްޙަތަށް ވަރަށްގިނަ ފަހަރު އިހުމާލުވެވޭ ކަމަށާއި ނަފްސާނީ ސިއްހަތަށް އަޅާނުލެވޭ ކަމަށް ފާހަގަކުރައްވާފައެވެ. މިކަން މިހެން ވިޔަނުދިނުމަށާ ، ނަފްސާނީ ޞިއްޙަތުގެ މުހިއްމުކަން މުޅިދުނިޔޭގެ ސަމާލުކަމަށް ގެނަސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެމަށް  ބާރުއެޅުމަށްޓަކައި  ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަސް އެއީ ނަފްސާނީ ސިއްޙަތުގެ ދުވަސްކަމުގައި ޑަބްލިޔު އެޗް އޯ އިން ވަނީ ކަނޑައަޅާފަ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް  ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި ޤައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ޞިއްޙަތަށް ސަމާލުކަން ގެނައުމަކީ އެ ދުވަހުގެ މަގްސަދެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމާ، ވަޒީފާދޭ ފަރާތްތަކުގެ އިތރުރުން މުޅި މުޖްތަމަޢު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއް. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް ، ނަފްސާނީ ޞިއްޙަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން. މިގޮތުން ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު ތެރެއަށް ފުޅާކުރުން އެއީ މިސަރުކާރުގެ ސިޔާސަތެއް އަދި އަމާޒެއް. މިސަރުކާރުގެ ހަފްތާ14 ގެ އެޖެންޑާގެ ތެރޭގައި ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ޚިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ. މިދެންނެވި ހެލޕްލައިންގެ ބޭނުން ގިނަބަޔަކު ހިފަމުންދޭ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

މުޅި މުޖުތަމަޢު ޝާމިލްވާގޮތަށް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުން މުހިންމު ކަމަށް ނާޒިލް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް  ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފަ ވާއިރު 2022 ވަނަ އަހަރުގެ ޑަބްލިޔު އެޗް އޯ ގެ  ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން، ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނަފުސާނީ ބަލިތަކާ ޙާލަތްތަކުގެ ސަބަބުން، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ޤަވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން، ޢާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ޤައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާއެއްގެގޮތުން ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި އަހަރު ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ" Mental Health at Work ' ނުވަތަ  "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިޢާރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށާއި ނަފްސާނީ ޞިއްޙަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ކަމެއް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.


Advertisement
- ކޮމެންޓް