އަންނަ އަހަރު ނިމުމުގެ ކުރިން، މައިމީހާގެ ފަރާތުން އެޗް.އައި.ވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒަށް މަސައްކަތްކުރުމަށް ގެންދާ ކަމަށް ހެލްތު ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޞިއްޚީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ ގާބޫލުކުރާ ފެންވަރަށް ރާއްޖޭގައި މި ބަލި ނައްތާލެވިފައިވާ ޤައުމަކަށް ހެދުންކަމަށެވެ.
މި ރަސްމިއްޔާތުގައި ވަނީ އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް ވެސް އިފްތިތާޙްކޮށްފައެވެ. އެއީ "ނޭޗަނަލް ގައިޑްލައިންސް އޮން އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް ސެކްޝުއަލީ ޓްރާންސްމިޓެޑް އިންފެކްޝަންސް" ގައިޑްލައިނެވެ.
މި ގައިޑްލައިން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ގައިޑްލައިންގެ ސަބަބުން އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް ވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ޤައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްއައިވީ އެއިޑްސް އަދި ހެޕަޓައިޓިސް ފަދަ ބަލިތަކަށް ފަރުވާދިނުމާއި، މިކަމަށް މީހުން ހޭލުންތެރިކުރުމާއި ފަރުވާގެ ކަންކަން ރަނގަޅުކުރުމާއި ގުޅެގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލްގައި ބައިވެރިވީ ރާއްޖޭގައި މިފަދަ ބަލިތަކަށް ފަރުވާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.