ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 15:01
2024 އޮކްޓޯބަރ 6 ވަނަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު
2024 އޮކްޓޯބަރ 6 ވަނަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު
ރޮއިޓާސް
އިޒްރޭލް-ލުބުނާން ހަނގުރާމަ
އިޒްރޭލުގެ އަމާޒަކީ ލުބުނާނުގައިވެސް ޤަތުލުއާންމު ހިންގުން: އިލްމުވެރިޔާ އާމާލް
އިޒްރޭލުން މަސައްކަތްކުރަނީ ޣައްޒާގެ ރައްޔިތުންނަށްވެސް ހެދިގޮތަށް، ޝިޔާއިންވެސް އެއް ސަރަހައްދަކަށް ޖަމާކޮށް، އެ ސަރަހައްދުގައި ޤަތުލުއާންމު ހިންގުމަށް ކަމަށް އާމާލް ވިދާޅުވިއެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސް ވާންދެން ޣައްޒާގައި ގަތުލުއާންމު ހިންގުމަށްފަހު، މިހާރު އިޒްރޭލުގެ އަމާޒަކީ ލުބުނާނުގައިވެސް އެފަދަ ގަތުލުއާންމެއް ހިންގުން ކަމަށް އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވަރސިޓީގެ އިލްމުވެރިއެއް ކަމުގައިވާ އާމާލް ސާދް ވިދާޅުވެއްޖެއެވެ.

"އެކްސިސް އޮފް ރެޒިސްޓަންސް" ގެ ތަޖުރިބާކާރެއް ކަމުގައިވާ އާމާލް ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "އިޒްރޭލުގެ އަސްލު މަޤްސަދުތައް މިހާރު ލުބުނާނުގައި ފާޅުވާން ފަށައިފިކަމަށާއި، އިޒްރޭލުން ލުބުނާނުގެ އިޖްތިމާޢީ އަދި ސިޔާސީ ބައިބައިވުންތަކުގެ ބޭނުންކޮށްގެން އެތެރޭގެ ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތްކުރަމުންދާ،" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިޒްރޭލުން ލުބުނާނުގައި އުޅޭ ކްރިސްޓިއަނުންނާއި ޝިޔާ ޖަމާއަތުގެ މީހުންނާ ދެމެދު ފިތުނަ އުފައްދައި، ހިޒްބުﷲ ގެ ޙަރަކާތާ ދެކޮޅަށް މަސައްކަތްކުރުމަށް ކްރިސްޓިއަނުންނަށް ހިތްވަރުދީގެން، ޤައުމުގައި ހުރި ބައިބައިވުންތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދެއެވެ.

"އިޒްރޭލުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރަމުންދަނީ ކްރިސްޓިއަން މުޖުތަމަޢުތަކުގައި، ދިރިއުޅެމުންދާ އެތައް ހާސް ޝިޔާއިން ބޭރުކުރުމަށް ކްރިސްޓިއަނުންނަށް ހިތްވަރުދިނުމަށް،" ކަމަށް އާމާލް ވިދާޅިވިއެވެ.

އާމާލް އިތުރަށް ވިދާޅުވީ "އިޒްރޭލުން މަސައްކަތްކުރަނީ ޣައްޒާގެ ރައްޔިތުންނަށްވެސް ހެދިގޮތަށް، ޝިޔާއިންވެސް އެއް ސަރަހައްދަކަށް ޖަމާކޮށް، އެ ސަރަހައްދުގައި ޤަތުލުއާންމު ހިންގުމަށް،" ކަމަށެވެ.

މި ސްޓްރެޓެޖީގެ ދަށުން އިޒްރޭލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި 42,000ށް ވުރެ ގިނަ ފަލަސްތީނު މީހުން މަރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް