ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 10:59
ރައީސް ޑރ. މުހައްމަދު މުއިއްޒު ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަގުރީރުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ބެންގަލޫރުގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަގުރީރުކުރައްވަނީ
ރައީސް އޮފީސް
ޑިޖިޓަލް ހައްލުތައް
ރާއްޖޭގެ މުސްތަޤުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާ އެކުގައި މަސައްކަތްކުރުން މުހިންމު - ރައީސް
އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއް
ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު އެރުވި

ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރުކުރައްވަމުން ރައީސް ވަނީ "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އިފްތިތާޙުކޮށްގެން، ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައިއާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކް ކުންފުނިތަކާއި، ތަޢުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަން ފާހަގަކުރައްވައި، އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ޘަޤާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިޤްތިޞާދީ ގުޅުންތައް ޤާއިމުކުރެވިފައިވާ ދެ ޤައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތު އެރުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް