ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ. މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލްގެ ފުރަތަމަ މޮޅެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ.
މެޗު ފަށައިގެން 20 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލަށް އެ ލަނޑު ޖަހައިދިނީ ކައި ހަވާޓްޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްފަ އެވެ.
މޮޅާއެކު އާސެނަލް އޮތީ އަށް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. އާސެނަލް އަތުން ބަލިވި ޕީއެސްޖީ އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.