ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 19:02
ބެއިރޫތުގައި ސެޕްޓެމްބަރ 29 ވަނަ ދުވަހު ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަށް އިޒްރޭލުން ދިން ހަމަލާދިން ސަރަަހައްދުގައި ބަޔަކު ހުއްޓިގެން
ބެއިރޫތުގައި ސެޕްޓެމްބަރ 29 ވަނަ ދުވަހު ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަށް އިޒްރޭލުން ދިން ހަމަލާދިން ސަރަަހައްދުގައި ބަޔަކު ހުއްޓިގެން
ރޮއިޓާސް
ލުބުނާން-އިޒްރޭލް ހަނގުރާމަ
ބެއިރޫތުގެ މެދުތެރޭގެ އެޕާޓްމަންޓަކަށް އިޒްރޭލުން ބޮން އަޅައިފި
ފާއިތުވި ހަފްތާގައި އިޒްރޭލުން ލުބުނާނަށް ބޮން އަޅާ 700ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިޒްރޭލުން ހޯމަ ދުވަހު ބެއިރޫތުގެ އެޕާޓްމަންޓް ބްލޮކަކަށް ބޮން އަޅައިފި ލުބުނާނުގެ ސެކިއުރިޓީ މަސްދަރެއް ބުނެފިއެވެ.

މި ހަމަލާގައި 4 މީހުން މަރުވެފައިވާ ކަމަށް ބުނެއެވެ. ހަމަލާދިނީ ކޯލާ ސަރަހައްދަށެވެ.

މިއީ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް ދެމުން އައިސް ވެރިރަށުގެ މެދުތެރެއަށް އިޒްރޭލުގެ ސިފައިން ދިން ފުރަތަމަ ހަމަލާއެވެ.

ޣައްޒާގެ އެތައް ހާސް މުސްލިމުން މެރުމަށްފަހު އިޒްރޭލުގެ ފޯކަސް މިހާރު ބޮޑަށް ހުރީ ސަރަހައްދުގައިވާ އީރާނުން މަދަދުވެރިވާ ފަރާތްތަކުގެ ބާރުކަނޑުވާލުން ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. ޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި ހަމަލާ ދެވުނު ޢިމާރާތަށް ގެއްލުންވެ ބޮޑުބައެއް ވަނީ ފުނޑުވެފައެވެ. ހަމަލާދެވުނު ސަރަހައްދަކީ ސުންނީން ގިނައިން އުޅޭ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭއެފްޕީގެ ނޫސްވެރިން ރިޕޯޓުކުރާ ގޮތުގައި އާދީއްތަ ދުވަހު، މުޅި ދުވަހު ލުބުނާނުގެ ވެރިރަށުގެ މަތިން ޑްރޯންތައް އުދުހެމުން ގޮސްފައިވެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފާއިތުވި ހޯމަ ދުވަހުން ފެށިގެން ލުބުނާނުގައި އެތައް ސަތޭކަ މީހުން މަރުވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހަކީ އެ ޤައުމުގައި 1975-1990 އާ ދެމެދުގެ އަހަރުތަކުގައި ހިނގި އަހުލީ ހަނގުރާމަ ނިމުނު ފަހުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި އާދިއްތަ ދުވަހު އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 105 މީހުން މަރުވެ، 359 މީހުން ޒަޚަމްވެފައިވެއެވެ.

ފާއިތުވި ހަފްތާގައި އިޒްރޭލުން ލުބުނާނަށް ބޮން އަޅާ 700ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 14 ޕެރަމެޑިކުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް