ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 18:59
އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ
އެމްޑީޕީ ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ
އެމްޑީޕީ
ރާއްޖެއާ މެދުކުރާ އުންމީދު
މި ސަރުކާރުގައި ރާއްޖޭއާ މެދު ކުރާނެ އެއްވެސް އުއްމީދެއް ނެތް، މުޅި ގައުމު އޮތީ ހުއްޓިފައި: މޫކޭ
މިރާއްޖެ ހިންގުމުގެ ގާބިލްކަން ރައީސް މުއިއްޒުގެ ނެތް
މި ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި، ބޭފުޅުން ކުރާ ބޭކާރު ދަތުރުތައް ފިޔަވައި އިތުރު ކަމެއް ކުރިއަށް ނުދޭ
ދައުލަތުގެ ހަރަދު ކުޑަކުރަންޖެހޭ އެއްވެސް ދިމާލަކުން ހަރަދު ކުޑައެއް ނުކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖޭއާ މެދު ކުރާނެ އެއްވެސް އުންމީދެއް ނެތް ކަމަށާއި، މުޅި ގައުމު އޮތީ ހުއްޓިފައި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މޫކޭ ވިދާޅުވީ މިސަރުކާރާމެދު އެއްވެސް އުންމީދެއް ނެތް ކަމަށާއި، ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުއިއްޒު އަންނަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. މުކޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ މައްޗަށް ފޮތެއް ނެރުއްވާފައިވާ ކަމަށާއި، އެފޮތް ބަލާލުމުން ވެސް އެކަން ހާމަވާނެ ކަމަށެވެ.

މިސަރުކާރަށް 10 މަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ މިހާތަނަށް ކުރަން ނިންމި އެއްވެސް ކަމެއް ކާމިޔާބު ކަމާއެކު މިސަރުކާރަށް ކުރެވިފައިނުވާ ކަމަށެވެ.

Advertisement

މީގެ އިތުރުން މޫކޭ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، މިހާރު އެމަނިކުފާނު ވެސް ރައީސް މުއިއްޒު ބަލައިނުގަންނަ ކަމަށެވެ. އެއީ ގާބިލް ބޭފުޅެއް ނޫން ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވާއިރު، އެކަން މިގައުމުން ފެނިގެންދާ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ރާއްޖެ ހިންގުމުގެ ގާބިލްކަން ރައީސް މުއިއްޒުގެ ނެތް ކަމަށާއި، މުޅި ރާއްޖެ ހުއްޓިފައިވާ ކަމަށެވެ. މިސަރުކާރުން ކުރާ ބޭކާރު ހަރަދުތަކާއި، ބޭފުޅުން ކުރާ ބޭކާރު ދަތުރުތައް ފިޔަވައި އިތުރު ކަމެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެންނިގެންދަނީ ގައުމަށް ގައްދާރުވަމުންދާ މަންޒަރުތައް ކަމަށެވެ.

އުންމީދެއް ކަމަށް ހީވާ ވާހަކައާ ދޭތެރޭގައި ވެސް ކުރާނެ އުންމީދެއް ނެތް. ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް އޮޅުވާލުމަށް ދީން ވެސް ބޭނުންކުރެއްވީ. ގައުމިއްޔަތު ވެސް ބޭނުންކުރެއްވީ. ދިވެހި ދިދަ ވެސް ބޭނުން ކުރެއްވީ. ދެން ކޮންއެއްޗެއްތޯ ދިވެހިރައްޔިތުންނަށް ހަރާންކޯރުވުން އެ ގެންގުޅެނީ. ގައުމަށް ބޭވަފާތެރިވެ ގައްދާރުވުމުގެ އެންމެ މަތީ ދަރަޖާގައި އެކަން ކުރައްވަމުން އެގެންދަވަނީ. އަޅުގަނޑުމެންނަށް އެމަނިކުފާނަށް ފޮތްފުޅެއް ނެރުއްވި. ކެންޕޭންތެރޭގައި ރައްޔިތުންނަށް ހެއްދެވި ދޮގު. އެފޮތް ބަލާލީމަ އެނގޭނެ މިދިޔަ 10މަސް ތެރޭގައި ކުރަން ބުނި ހަމަ އެއްކަމެއް ވެސް މިހާތަނަށް ވެފައި ނެތް. މުއިއްޒަށް ކުރެވޭނެ ކަމެއް ނެތް. އެއީ ދުނިޔެ ބަލައިގަންނަ މީހެއް ނޫން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ)

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި މޫކޭ ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް މިސަރުކާރުން ބުނި ނަމަވެސް ދުވަހެއް ދުވަހެއް ހާލަތު ދަނީ ގޯސްކޮށް ކަމަށެވެ. ގައުމު އޮތީ މިހާރު އޮތީ ބަގުރޫޓުވާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަންޖެހޭ އެއްވެސް ދިމާލަކުން ހަރަދު ކުޑަ ނުކުރާ ކަމަށާއި، އާދައިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކޮށް، ބޯނަސްތައް ދިނުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ބޭނުންވާ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ނުހުއްޓާ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ގައުމު ހުއްޓި މެދު އަދި ކުދި ފަންތީގެ ވިޔަފާރިތައް އެއްކޮށް ހަލާކުވަމުންދާ ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމާއި، މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ރާއްޖޭގެ ދައުލަތް ހަރުދަނާ ގޮތެއްގައި ނުހިނގާ ކަމަށާއި، މިކަން ބަދަލުކުރުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް