Advertisement
ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 13:13
އުމަރު ނަސީރު
އުމަރު ނަސީރު
ޓްވިޓަރ
އެމްއެމްޕީއާރްސީ މައްސަލަ
މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބަލާނެކަމަށް އެ ވިދާޅުވާ ބަހުގެ މާނައަކީ ރައީސް ޔާމީނު ޖަލަށް ލާނަމޭ: އުމަރު
އުމަރު ވިދާޅުވީ، މި ސަރުކާރަށް އެމްއެމްޕީއާރްސީގެ މައްސަލައެއް ނުބެލޭނެ ކަމަށް
އުމަރު ވިދާޅުވީ، ކުރީގެ ނައިބްރައީސް އަދީބަކީ މި ސަރުކާރުގެ އެއް އެޑްވައިޒަރު ކަމަށް
ޔާމީނު ޖަލަށް ލީކަމުގައިވީނަމަވެސް، ނުވަތަ ޖަލަށް ނުލި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މި ސަރުކާރަށް ކާމިޔާބެއް ނުކުރެވޭނެކަމަށް އުމަރު ވިދާޅުވި

މި ހިނގަމުންދާ ސަރުކާރަށް އެމްއެމްޕީއާރްސީ މައްސަލަ ނުބެލޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުވާލަކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މި ސަރުކާރަށް އެމްއެމްޕީއާރްސީގެ މައްސަލައެއް ނުބެލޭނެ ކަމަށާއި، ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބަލާނެކަމަށް އެ ބުނާ ވާހަކައިގެ މާނައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ލުން ކަމަށެވެ.

Advertisement

އެއީ ހަމައެކަނި ރައީސް ޔާމީނު ޖަލަށް ލުމަށްޓަކައި ދައްކަމުން ގެންދާ ވާހަކައެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ނުބެލޭނެ އިނގޭތޯ، މިހާރު އެބޭފުޅުން އެމްއެމްޕީއާރްސީ މައްސަލަ ބަލާނަމޭ އެ ވިދާޅުވާ ބަހުގެ މާނައަކީ ރައީސް ޔާމީނު ޖަލަށް ލާނަމޭ، އެއީ އެ ބުނާ ބަހުގެ މާނައަކީ އެއީ ރައީސް ޔާމީނު ޖަލަށް ލުމަށްޓަކައި ދައްކާ ވާހަކައެއް އެ ވާހަކައަކީ އިނގޭތޯ، އެއީ އެއްގޮތަކަށްވެސް އެމްއެމްޕީއާރްސީ މައްސަލަ ބަލާކަށް ނޫން
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ވިދާޅުވީ، ކުރީގެ ނައިބްރައީސް އަދީބަކީ މި ސަރުކާރުގެ އެއް އެޑްވައިޒަރު ކަމަށެވެ. ސަރުކާރުގެ ކެބިނެޓުގައި އަދީބަށް "ސްލޮޓް" ދީފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެކަމުންވެސް އެމްއެމްޕީއާރްސީ މައްސަލަ ނުބަލާނެކަން އެނގިގެންދާކަމަށް އުމަރު ވިދާޅުވިއެވެ.

ނުވިތާކަށް ރައީސް ޑރ މުއިއްޒުގެ ވަށައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން 50 އިންސައްތައަކީ އެމްއެމްޕީއާރްސީ ލިސްޓުގައި ހިމެނޭ ބޭފުޅުންކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ރައީސް ޔާމީނު ވީ އެންމެ އަވަހަށް ޖަލަށް ލުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، ރައީސް ޔާމީނު ޖަލަށް ލީކަމުގައިވީނަމަވެސް، ނުވަތަ ޖަލަށް ނުލި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މި ސަރުކާރަށް ކާމިޔާބެއް ނުކުރެވޭނެކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނު ޖަލަށް ލައިގެން އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށް މި ސަރުކާރަށް ހީވެފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ މި ސަރުކާރަށް ނުބެލޭނެކަމަށް އުމަރު ވިދާޅުވާއިރު، އެ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދާދި ފަހުން ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެމްޕީއާރްސީ ލިސްޓުގައި ތިބި ގިނަ މީހުންނަކީ އެ ހިޔާނާތުގައި ބައިވެރިވި މީހުންނެއް ނޫން ކަމަށެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ޑޮލަރު މާރު ކުރުމުގެ ގޮތުން މުއާމަލާތް ކޮށްފައިވާ މީހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ގިނަ މައްސަލަތަކެއް އޭސީސީން މިހާރުވެސް ތަހުގީގު ކުރަމުންދެއެވެ. އަދި އެއީ އެތައް ބައެއްގެ މައްޗަށް ތުުުހުމަތު ކުރެވޭ މައްސަލައެކެވެ.

 ވީއިރު، ތަހުގީގު ކުރިއަށްދާ މައްސަލަތަކެއްގައި އެއީ ހިޔާނާތުގެ ފައިސާކަމަށް ރައީސް ކަނޑައެޅުއްވީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް