ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.
މުހައްމަދު ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެން ކަމަށާއި، އެ އިއުތިރާފުގެ ސައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
އަދި ސަމާހުގެ ފަރާތުން އޭނާ އިއުތިރާފުނުވާކަމަށް 12 ނޮވެމްބަރު 2012 ގައި ބުނި ނަމަވެސް، އެ ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނެތި އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ޤިސާސް ހިފުމަށް ޙުކުމް ކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށް އޭނާގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ ބުނާއިރު، ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އޭނާ ގެނައިރުވެސް ހުރީ އެގޮތަށް (އަނިޔާތަކާއެކު) ކަމަށެވެ.
އެކަމާ ގުޅޭގޮތުން ސަމާހު ބުނީ، އޭނާ ގެންދިޔައީ ސައިކަލެއްގައި ބިޑި އަޅުވާފައި ބާއްވައިގެން ކަމަށާއި، ގެންދިއުމަށްފަހު އޭނާގެ ބޮލާއި މޫނުގައި ބޮލުން ތަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ ޙާލަތުގައި އޭނާ ހުއްޓައި ޝަރީއަތަށް ގެންދިއުމުންވެސް، އޭނާ ހުރި ޙާލަތާމެދު ފަނޑިޔާރު ސުވާލު އުފެދެންޖެހޭކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނޭކަމަށް އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު، އޭނާ ހަނު ހުންނަން އެދުމަށްފަހު، ވަކީލެއް ބޭނުންވާކަމަށްވެސް ބުނުމަށްފަހު، އެގޮތަށް ބަޔާންވެސް ދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.
އޭގެ ފަހުން ކުޑަ ވަގުތުކޮޅަކަށް ވިސްނާލަން ހުރެފައި އޭނާ ބަޔާން ބަދަލުކޮށް އިއުތިރާފުވި ކަމަށާއި، އޭނާ ބަޔާން ބަދަލުކުރީ އޭނާގެ ދައްތަ ހައްޔަރު ކުރުން ނޫން ގޮތެއް ނެތްކަމަށް ފުލުހުން އޭނާއަށް އަޑުއިވޭވަރަށް ބުނިއަޑު އިވިގެންކަމަށް ވަކީލު ވިދާޅުވިއެވެ.
އެކަމުންވެސް އޭނާ އިއުތިރާފުވުމުގެ ފަހަތުގައި ޝައްކު އުފެދޭ ކަންކަން ހުރިކަން އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.
އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި އެ ޙުކުމް ބާތިލު ކޮށްދެއްވުމަށާއި، އެ ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްވެސް ބާތިލުކޮށްދޭން އެދިފައެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ފެންނަން އޮތީ ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީހައި އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމާއި، އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކަކު ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުން ކަމަށެވެ.
އެހެންނަމަވެސް، މިއީ ޖިނާއީ ތަހުގީގުކުރަންޖެހޭ އަދި ޖިނާއީ ޝަރިއަތްކުރަންޖެހޭ ގޮތެއްވެސް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި އިއުތިރާފު ބަޔާނުގެ މައްޗަށް އެކަނި ތަހުގީގުންނާއި ޝަރިއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކަށްވީ، ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުން ކަމަށެވެ.
އެހެން އެކަން ވެފައި އޮތުމުން ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޝަނުން އެދިފައިވަނީ ސަމާހުގެ ބަޔާނާއި އެ ބަޔާނުން ހާމަވާ ކަންކަމަށް ބިނާކޮށްގެން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެހެންނަމަވެސް، މުޙައްމަދު ސަމާހުގެ ބަޔާނުގެ ބޭރުން އެ ބަޔާނުގައި ބުނެފައިވާ ކަންކަން ނަފީކުރާ މިނިވަން އެއްވެސް ހެއްކެއް ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިއަދު ނެތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ޙުކުމް ކުރައްވާފައެވެ.
އަދި ފުލުހުންގެ ފަރާތުން ސަމާހުއަށް އަނިޔާކުރިކަމަށް ބުނާ މައްސަލައާ ގުޅޭ ކަންކަން ބެލުމަށް ފަނޑިޔާރު ޝުޖޫން ހުށަހަޅުއްވާފައިވެއެވެ.
މައްސަލައިގެ ފަސްފަހަތް:
މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދު ކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފައެވެ.
އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސާޖަންޓު އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.
ޑިއުޓީއަށް ދިޔަ މަގުމަތީގައި އެ އޮފިސަރަށް ޙަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
ކްރިމިނަލް ކޯޓުން ސަމާހު މެރުމަށް ހުކުމްކުރީ އާދަމް ހަލީމްގެ ހަތަރު ވާރިސުންގެ ތެރެއިން ހަލީމްގެ ބައްޕަ އާއި މަންމަ އަދި އޭނާގެ ހުވަފަތް ވެފައިވާ އަނބިމީހާ ވެސް ގިސާސް ހިފަން ބޭނުންވާތީ އެވެ.
މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.