Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 18:52
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އައްޑޫ ސިޓީގެ ތަރައްގީ
އައްޑޫގައި ބޮޑު އިގްތިސާދެއް ގާއިމްކުރުމަށް ކުރީ ސަރުކާރުން ގިނަ މަސައްކަތްތައް ކޮށްފައިވޭ، ނަމަވެސް މިހާރު ވަނީ މަސައްކަތްތައް ހުއްޓިފައި: މޭޔަރު ނިޒާރު
ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ ބޮޑު ބިމެއް ވެސް މި ދިޔަ ސަރުކާރުން ހިއްކާދީފައިވޭ
އައްޑޫ ތަރައްގީ ކުރުމުގެ ހެޔޮ ނިޔަތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ
ހަންކެޑެ މަޝްރޫއުގެ އެއްވެސް މަސައްކަތް ވެސް ކުރިއަށް ނުދޭ

އައްޑޫ ސިޓީގައި ބޮޑު އިގްތިސާދެއް ގާއިމްކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި، މިސަރުކާރުން މިހާތަނަށް އަދި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement

އެ މަޝްރޫއުތަކުގެ ދަށުން އައްޑޫގެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާއި، އައްޑޫގެ މަގުތައް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވިފައިވާ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ ބޮޑު ބިމެއް ވެސް މި ދިޔަ ސަރުކާރުން ހިއްކާދީފައިވާ ކަމަށެވެ.

ސަރުކާރު ބަދަލުވެގެންދިޔަ ފަހުން މިއަދާ ހަމައަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމުގެ ހެޔޮ ނިޔަތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މުޅިން އައު މަޝްރޫއުތަކެއް ފަށަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ގާތްގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރު އައްޑޫ އަށް ހަރަދު ކޮށްގެން މިކަން މިކުރެވުނީ އަސްލު އިންސްފްރާސްޓަކްޗަރ ޑިވަލޮޕް ކުރުމަށްޓަކައި. އޭގެތެރޭގައި އެއާޕޯޓަށް އިތުރު ޑިވަލޮޕްމަންޓް އަންނަންޖެހޭ ކަމާއި މަގުތައް ހަދަންޖެހޭނެ ކަމާ ވާ ގޮތަކީ މަގުތައް ނުހަދާ ނެތް ވާކަށް. ހަގީގަތުގައި. މާލެ ފިޔަވައި އެންމެ ގިނަ އުޅަނދުތައް ދުއްވާ ތަނަކީ އައްޑޫ ވެފައި މަގުތަކުގެ ހާލަތު ވަރަށް ގޯސް ހިނގާ ބިނގާވެސް ނޫޅެވޭ ހަގީގަތުގައި. މަގުތައް ހަދާ ފެން ހިންދާ ނިޒާމަކާއެކު މިކަންކަން ކުރެވި ބިން ހިއްކުމަށް ޑިމާންޑްތައް އައި ބިން ނެތް ކަމަށް ޝަކުވާ އައި. މިހުރިހާ ކަމެއް ސަރުކާރުން ކޮށްފައި އެއޮތީ. ހަގީގަތުގައި މިކަން ކުރި އެންމެ ބޮޑު ނިޔަތަކީ އިގްތިސާދެއް ބިނާ ކުރުން. މި ޕްރޮޖެކްޓްގެ ތެރެއިން ފަސް ރަށެއް ހިއްކަން އޮތް. ފަސް ރަށަކީ ފަސް ރިސޯޓު. އެ ރިސޯޓުތައް އޭރު ސަރުކާރަށް އަޅުގަނޑުމެން ކައުންސިލުން ނަންދީ އިއުލާން ކުރުމަށް ހުރިހާ ކަމެއް ނިމިފައި އޮތީ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު މި ފާއިތުވެދިޔަ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި 10 މަސް މިދިޔައީ އަދި އެއްވެސް ހިލަމެއް ނާދޭ. ހަމައެއާއެކު ހިއްކި ބިން ތަރައްގީ ކުރުމަށް އަޅުގަނޑުމެންނާ ހަވާލުކުރެވުނުފަހުން ޕްލޭންކޮށް މިއަންނަ މަހު ޕްލޭންތައް ލިބިގެން އަންނާނެ. މިހުރިހާ ކަމަކީ އިގްތިސާދެއް ބިނާ ކުރުމަށް ސަރުކާރަކުން ކުރި ހޭދަތައް. އެހެންވީމަ މިނިޔަތުގައި އެމްޑީޕީގެ ސަރުކާރުތަކުން މަސައްކަތް ކުރާ ގޮތަށް މިގޮތަށް މަސައްކަތް ކޮށްފިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫއަށް އަންނާނެ ބަދަލު.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

ހަންކެޑެ މަޝްރޫއާ ގުޅޭގޮތުން މޭޔަރު ނިޒާރު ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް މިއީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ ބޮޑު މަޝްރޫއެއް ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރުގައި ހަންކެޑެއަކީ ރާއްޖޭގައި އެއްތަނަކުން އެންމެ ގިނަ އެނދު އުފެއްދޭނެ ތަން. 2000 އެނދު އެތެރޭގައި އުފެއްދޭނެ. އެކަމަކީ މިދިޔަ ސަރުކާރުން ހުރިހާ ކަމެއް ނިންމާ މިހާރު ވެސް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ވިއްސަކަށް މިލިއަން ޑޮލަރު ހަރަދު ކުރެވިގެން ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވިފައި އެއޮތީ. އެކަން ވެސް އަވަހަށް ކުރެވޭ ގޮތް ހަދާ. އެކަމަކު އަޅުގަނޑުމެންނަށް އަދި ފެންނަނީ އެކަން ކުރެވިގެންދާތަނެއް ނުފެނޭ. މިކަންކަން ގުޅިގެން ކުރެވިއްޖެނަމަ އައްޑޫ އަށް ބޮޑު ބަދަލުތަކެއް އަންނާނެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއްގެ ގެނެސްދޭ މަޝްރޫއެއް ކަމަށްވާ ހަންކެޑެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 މާޗް 2023ގައެވެ.

142.9 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، އަދި 64 ސަރވިސްޑް އެޕާޓްމަންޓުގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީކުރާނެއެވެ.

މި މަޝްރޫއާއެކު ގިނަ ވަޒީފާތަކެއް އުފެދި، އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް އައްޑޫސިޓީއަށް ލިބޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް