Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 18:15
ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވާހަކަދައްކަވަނީ
ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބީއެމްއެލް ބަގާވާތުގެ މައްސަލަ
ބީއެމްއެލް ބަޣާވާތް: މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިނުވޭ
ކުރިއަށްދަނީ މައުލޫމާތު ހޯދުމުގެ މަސައްކަތް
މިމައްސަލައިގެ ތަހުގީގު ފުލުހުން ފެށީ 26 އޯގަސްޓްގައި

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމި ނިންމުމާ ގުޅިގެން އެއީ މާލީ ބަގާވާތެއް ކަމަށް ބަލާ ތަހުގީގެއް ފެށިޔަސް މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލައި މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިނުވާ ކަމަށެވެ. އަދި ކުރިއަށްދަނީ މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ތި ދެންނެވި މައްސަލާގެ ތަހުގީގުގައި އަޅުގަނޑުމެން އެއްވެސް ފަރާތަކާ މިހާތަނަކަށް ސުވާލެއް ނުކުރަން. އަޅުގަނޑުމެން މިވަގުތު ވެސް ކުރެވެމުން މިދަނީ ބައެއް މައުލޫމާތުތައް ހޯދާ އެއްކޮށް އަދި ޖިނާއީ ކްރިމިނަލް ޕްރޮސީޑިންއެއް އޭގެ ކުރިއަށް ގެންދަންޖެހޭ ތޯ. ގެންދެވޭ މިންވަރަށް އެކަންތައްތައް ފުރިހަމަވޭތޯ. މިހާތަނަށް އަޅުގަނޑުމެން އެއްވެސް ފަރާތަކާ ތަހުގީގުގައި ސުވާލުކޮށްފައި ބަޔާން ނަގާފައިނުވާނެ.
ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބީއެމްއެލްއިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ.

26 އޯގަސްޓް 2024 ގައި ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިހާތަނަށް މި މައްސަލައާއި ގުޅިގެން ނަގާފައިވަނީ ބީއެމްއެލްގެ ބަޔާނެއް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް