ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 08:52
އޭޝިއަން ސާފިން ޗެމ،ްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު (ރާއްޕެ)
އޭޝިއަން ސާފިން ޗެމ،ްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު (ރާއްޕެ)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށި ހެޔޮ ކަމާ ބެހޭ ވުޒާރާ
މިއަހަރު ބައިނަލްއަޤުވާމީ އިތުރު ތިން މުބާރާތެއް ރާއްޖޭގައި ބާއްވަނީ
ރާއްޖޭގައި މިއަހަރު ދެން ބާއްވާ މުބާރާތްތަކުގެ ތެރޭގައި ކާވާ އަންހެން ވޮލީ ބޯޅަ ކުލަބު ޗެމްޕިއަންޝިޕް، 14 ވަނަ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް އަދި މޯލްޑިވްސް އޯޕަން ޗެސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

ދިވެހި ރާއްޖޭގައި މިއަހަރުގެ ތެރޭގައި ބައިންއަޤުވާމީ އިތުރު ތިން މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް، ކުޅިވަރާއި ހަށި ހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރު ވުޒާރާ އިން ކޮށްފައިވާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ވަނީ އަށް މުބާރާތެއް ބާއްވައިފަ އެވެ. އެއީ ދާދި ފަހުން ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕާ އެކު އެވެ.

ކާވާ އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގެ އިތުރުން، މިއަހަރު ރާއްޖޭގައި ބާއްވާފައިވާ މުބާރާތްތަކުގެ ތެރޭގައި ހަ ވަނަ ކެރަމް ޗެމްޕިއަންޝިޕް، 14 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތް، ކާވާ 18 އަހަރުން ދަށުގެ ވޮލީ މުބާރާތް، ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީ ބޯޑިން މުބާރާތް 2024، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަދި ބައިނަލްއަޤުވާމީ ހޭންޑް ބޯޅަ މެޗުތައް ހިމެނެ އެވެ.

މީގެ އިތުރުން މިއަހަރު ރާއްޖޭގައި ބައިނަލްއަޤުވާމީ އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެއީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ އަންހެން ވޮލީ ބޯޅަ ކުލަބު ޗެމްޕިއަންޝިޕްގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހައިފައިވާ 14 ވަނަ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް އަދި މޯލްޑިވްސް އޯޕަން ޗެސް ޗެމްޕިއަންޝިޕް އެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރަތްތަކެއް ބާއްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވައުދު ތަކުގެ ތޭރަގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދުފުޅަކީ ވެސް، ރާއްޖޭގައި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް