ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 08:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)
ރައީސް އޮފީސް
ކުޅިވަރު ޤައުމީ މަޖިލިސް
މުއުމިނާ ވަކި ކުރެއްވި މައްސަލައިގައި ވާހަކަ ދައްކަވަން ވަޒީރު ބޭނުންފުޅެއް ނުވި!
އެކަންކަމަކީ ސިއްރު ހިފެހެއްޓެން ޖެހޭ ޒާތުގެ ކަމަކަށްވާތީ އެކަމުގެ ތަފުސީލަށް ދިޔުން ރަނގަޅު ނޫން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުން މުއުމިނާ އާދަމް ވަކި ކުރެއްވި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ވަޒީރު އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެ ޓީވީ" އިން ކުރި ސުވާލާ ގުޅިގެންނެވެ. އެގޮތުން، ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުން މުއުމިނާ ވަކި ކޮށްފައި ވަނީ މަޖިލީހަށް ޙާޟިރު ނުވާތީ ކަަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން މުއުމިނާ ވިދާޅުވީ ވަޒީރު ބޭނުންފުޅުވެގެން ކުޅިވަރު ޤައުމީ މަޖިލީހުން އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށް، ވަޒީރުގެ ބިއުރޯ އިން އަންގާފައިވާ ކަމަށެވެ. ވަޒީރުގެ ބިއުރޯ އިން އަބަދު ވެސް ކުޅިވަރުގެ ޤައުމީ މަޖިލީހުގެ ކަންކަމުގައި ގުޅުއްވާއިރު، ކުޅިވަރު ޤައުމީ މަޖިލީހުން ވަކިކޮށްފައިވާކަން ބިއުރޯ އިން އެންގުމުން، ކުޅިވަރު ޤައުމީ މަޖިލީހުން ވަކި ކުރެއްވީ ކަމަށް ދެކޭ ކަމަށް މުއުމިނާ ވިދާޅުވެފައިވެ އެވެ. އޭގެ އެތައް ދުވަހެއް ފަހުން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި މުއުމިނާ އަށް ވަނީ ލިޔުމުން އެކަން އަންގައިފަ އެވެ. ވަޒީރު ރާފިޢު ސޮއި ކުރައްވާ ފޮނުވި އެ ސިޓީ މޫމިނާ އަށް ލިބިފައި ވަނީ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރު ޤައުމީ މަޖިލީހުގައި މަސައްކަތް ކުރަނީ އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކަމަށެވެ. މީގެ ކުރިން އެމަނިކުފާނު ވެސް ކުޅިވަރު ޤައުމީ މަޖިލީހުގައި މަސައްކަތް ކޮށްފައިވާނެކަން ފާހަގަ ކުރައްވައި ވަޒީރު ރާފިޢު ވިދާޅުވީ، ވަކި ކުރީ ކިހިނެއްތޯ ނުވަތަ ކިހިނެއް ވެގެންތޯ ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަޒީރު ސޮއި ކުރައްވާފައިވާ ސިޓީއެއް ވެސް މީޑިއާ ތަކުގައި ދައުރުވެފައިވާ ކަމަށާއި، އެކަންކަމަކީ ސިއްރު ހިފެހެއްޓެން ޖެހޭ ޒާތުގެ ކަމަކަށްވާތީ އެކަމުގެ ތަފުސީލަށް ދިޔުން ރަނގަޅު ނޫން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑަކީ ވެސް އެ ކޮމިޝަންގައި މަސައްކަތް ކޮށްފައި ހުރި މީހަކަށްވާތީވެ، އެކަމާ ބެހޭ އިތުރު ތަފުސީލު، ވަކި ކުރީ ކިހިނެއްތޯ، ކިހިނެއް ވެގެންތޯ، އެކަން ދެން އަޅުގަނޑު ދެކޭ ގޮތުގައި މީޑިއާ ގައި އަޅުގަނޑުގެ ސިޓީއެއް ވެސް ދައުރުވެގެން ދިޔަ. އޭގެ ތަފުސީލު ވެސް އެބަހުރި. އެހެން ނަމަވެސް، މި ކަންކަމަކީ ކޮންފިޑެންޝަލިޓީ އޮންނަން ޖެހޭ ޒާތުގެ ކަމަކަށްވާތީވެ، އެކަމުގެ ޑީޓެއިލް އަށް ދިޔުން އެހާ ރަނގަޅު ނޫން ކަން ނޭނގެ.
ޢަބްދުﷲ ރާފިޢު (ރާއްޕެ) / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ކުޅިވަރުގެ ޤައުމީ މަޖިލީހަށް މުއުމިނާ އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އެވެ. ކުޅިވަރު ޤައުމީ މަޖިލީހަށް މުއުމިނާ އައްޔަން ކޮށްފައި ވަނީ އޭރުގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އެވެ. އޭގެ ފަހުން ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގެ ރައީސާ ކަމަށް މޫމިނާ އައްޔަން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މުއުމިނާ މީގެ ކުރިން ވިދާޅުވެފައި ވަނީ އައު ސަރުކާރާ އެކު ވެސް، ކުޅިވަރު ޤައުމީ މަޖިލީހުގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ޑިސެމްބަރު މަހަށް އެކި އެކި މަސައްކަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މުއުމިނާ އަކީ ކައުންސިލްގެ ރައީސްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާރުގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު މަގާމާ ހަވާލުވީ ފަހުން ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދު ތަކުގައި މެޑިކަލް ރިކުއާމެންޓް ފެސިލިޓީސް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް މުއުމިނާ ވިދާޅުވި އެވެ. މެޑިކަލް ރިކުއާމެންޓް ފެސިލިޓީސް ޤާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން ވަޒީރު ރާފިޢުއާ ދެކެވިފައިވާ ބައެއް ވާހަކަތަކުގެ ސްކްރީންޝޮޓް ވެސް މުއުމިނާ ވަނީ ޙިއްސާ ކުރައްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް