ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 15:52
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ރާއްޖެއެމްވީ
ދައުލަތުގެ ރިޒާވް އިތުރުން
ރިޒާވް އިތުރުވި ގޮތް ސާފު ކޮށެއް ނުދިން
ބޭނުން ކުރެވޭ ރިޒާވް ވަނީ 45 މިލިއަން ޑޮލަރުން، 61 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައި

ދައުލަތުގެ ރިޒާވް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައިވާއިރު، ރިޒާވް އިތުރުވީ ކޮން ގޮތަކުންތޯ ސުވާލު ކުރުމުން ޖަވާބު ދިނުމަށް ސަރުކާރުން ދެކޮޅު ހައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްޕާސަން ހީނާ ވަލީދާ އެ ސުވާލު ކޮށްފަ އެވެ.

މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ދައުލަތުގެ ރިޒާވް ވަނީ 444 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އޭގެ ކުރިން ދައުލަތުގެ ރިޒާވް ހުރީ 395 ގައެވެ. ހަމައެއާ އެކު ބޭނުން ކުރެވޭ ރިޒާވްގައި ހުރި އަދަދު އިތުރުވެފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. ބޭނުން ކުރެވޭ ރިޒާވް ވަނީ 45 މިލިއަން ޑޮލަރުން، 61 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުވެފައި ވަނީ ކީއްވެގެންތޯ ރާއްޖެ ޓީވީން ސުވާލު ކުރުމުން ހީނާ ވިދާޅުވީ، މަރުކަޒޫ ބޭންކުގެ ތަފާސް ހިސާބުތަކުން ރިޒާވް އިތުރުވީ ކަމަށް ދައްކާ ކަމަށެވެ. އަދި މަރުކަޒީ ބޭންކަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، މަރުކަޒީ ބޭންކުގެ ވާހަކަ ނުދެއްކޭނެ ކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ.

ބޭނުން ކުރެވޭ ރިޒާވް އިތުރުވި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް، މިވަގުތު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ ގާތް ގަނޑަކަށް އެއް މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރަށެވެ.

ރިޒާވް އިތުރުވެފައިވާއިރު، މަރުކަޒީ ބޭންކަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، މަރުކަޒީ ބޭންކާ ގުޅޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވީ ނަމަވެސް، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައުލަތުގެ ވަޒީރުން ވެސް ވަނީ މަރުކަޒީ ބޭންކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް