ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 10:57
ނޭޝަންސް ލީގުގައި ފްރާންސް އިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ނޭޝަންސް ލީގުގައި ފްރާންސް އިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ފްރާންސް އިން ބެލްޖިއަމް ބަލިކޮށްފި
ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފްރާންސް އޮތީ ދެ ވަނައިގަ އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ، ގްރޫޕް ދޭއްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ފްރާންސް އަށް ލީޑު ނަގައިދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްދިނީ ޑެމްބެލޭ އެވެ. އޭނާ އެ ލަނޑު ޖެހީ އެންގޯލޯ ކާންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި ގުރޫޕުގައި މިހާތަނަށް ފްރާންސް އިން ދެ މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ އެއް މެޗުންނެވެ. އަނެއް މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ފްރާންސް އޮތީ ދެ ވަނައިގަ އެވެ. ތިން ވަނަ މެޗުގައި ފްރާންސް ނިކުންނާނީ އިސްރާއީލާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް