ސްޕެއިން ޤައުމީ ޓީމުގެ ކުޅުންތެރިން ކުރަމުން އަންނަނީ "ޤައުމަށް މުހިންމު ކަމެއް" ކަމަށް ބުނެ، އެ ޓީމުގެ ކުޅުންތެރިންނަށް ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ތައުރީފު ކޮށްފި އެވެ.
އޭނާ މިހެން ވާހަކަ ދެއްކީ ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެެވެ. މެޗުގެ ވަކި ހިސާބަކުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ސްޕެއިން އިން ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދީ 4-1 އިންނެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިންގެ ކުޅުންތެރިން ކުރަމުން އަންނަނީ ޤައުމަށް މުހިންމު މަސައްކަތެއް ކަމަށް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށެވެ. ޚާއްސަކޮށް ސްޕެއިންގެ ރައްޔިތުން އެ ޤައުމުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި، ކުޅުންތެރިންނަށް ޤައުމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ފުއެންޓޭ ބުނީ ސްޕެއިންގެ ކުޅުންތެރިން ކުރިއަށް ދަނީ ޓީމެއްގެ ގޮތުގައި އެންމެން އެކުވެގެން، ކަންކަމުގައި "ޤުރުބާން" ވުމަށް ކަމަށެވެ. އެކަމަށްޓަކައި ސްޕެއިންގެ ކުޅުންތެރިންނާ މެދު އޭނާ ފަޚުރުވެރިވާކަން ފާހަގަކޮށް ފުއެންޓޭ ބުނީ، އޭނާ އަށް އުފާވެރިކަން އަދި ހައިރާންނަކަން ދިނުމުގައި ކުޅުންތެރިން "ފެއިލް" ނުވާ ކަމަށެވެ.
މީގެ އިތުރުން އޭނާާ ބުނީ ސްޕެއިންގެ ކުޅުންތެރިންނަކީ އަމިއްލަ ނަފުސަށް އިތުބާރު ކުރާ، ހަވާލު ކުރާ މަސައްކަތް އެންމެ ފުރިހަމަ އަށް އަދާ ކުރާ ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ފަރިތަކުރުންތަކުގައި އަދި މެޗުގަކުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފަރުވާތެރިކަން ފެންނަމުންދާ ކަމަށާއި، ސްޕެއިން ބޭނުންވާ އަމާޒަށް ވާސިލުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ފުއެންޓޭ ބުންޏެވެ.
ފުއެންޓޭގެ އިރުޝާދުގހެ ދަށުން ސްޕެއިން އިން ވަނީ މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ސްޕެއިން ވަނީ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.