Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 19:45
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ރައީސްގެ ތަގުރީރު
ގައުމީ ދުވަހުގެ ތަގުރީރުގައި ހިމެނޭ ބައެއް މައުލޫމާތުގެ މަސްދަރު ހޯދަން ރާއްޖެޓީވީން އާރުޓީ އައި ހުށަހަޅައިފި
ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި

ގައުމީ ދުވަހު ރައީސް ދެއްވި ތަގުރީރުގައި ހިމެނޭ ބައެއް މައުލޫމާތުގެ މަސްދަރު ހޯދަން ރާއްޖެޓީވީން އާރުޓީ އައި ހުށަހަޅައިފިއެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރުމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ކުރި ބަހުސްގައި ދިވެހިންގެ އަމިއްލަ ބަހެއް އޮތްކަން ފާހަގަ ކުރައްވާ، ރާއްޖޭގެ މިނިވަން ފަހުރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ ދިވެހި ބަސް ކަމަށް ވިދާޅުވެ ސައްހަ ނޫން މައުލޫމާތުތަކެއް ވަނީ ތަގްރީރުގައި ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖެޓީވީން ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 1446 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހު ގައުމީ ޖަލްސާގައި ދެއްވި ތަގުރީރުގައި ރާއްޖެ އދ ގެ ފުރިހަމަ މެންބަރަކަށް ހެދުމަށް އދގައި ކުރެވުނު ބަހުސްތަކުގައި އެކި ގައުމުތަކުން ދެއްކެވި ވާހަކަތައް ކަމަށް ވިދާޅުވެ، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ މަސްދަރަކީ ނުވަތަ އެ މައުލޫމާތު ހޯއްދެނީ ކޮން ބައެއްގެ ފަރާތުންތޯ އާއި ކޮން ރިސަރޗްކުންތޯ ސާފުކޮށްދެއްވުމަށެވެ. އަދި ގައުމީ ދުވަހު ރައީސް ދެއްވި ތަހުގީރު ތައްޔާރުކޮށްދެއްވީ ކޮން ބޭފުޅެއްތޯ ވެސް ސާފުކޮށްދިނުމަށް އާރުޓީއައިގައި ވާނީ ހިމަނާފައެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ "1965ވަނަ އަހަރު، އ.ދ. އިން ދިވެހިރާއްޖެ، މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލު ކުރިއިރު، ވެވިފައި ހުރި ބަހުސްތަކުގެ ކަރުދާސްތައް އަދި ވެސް ފެންނަން އެބަހުރި ކަމަށާއި، އެ ދުވަހު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުން ކަމަށް ވިދާޅުވެފައެވެ.

ރައީސް އިޝާރާތް ކުރެއްވި ގަރާރުގެ ބަހުސްގެ ކަންކަން ހިނގައިދިޔަ ގޮތައް ބަލާއިރު، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު، ދިވެހިރާއްޖެ އަށް އ.ދ. ގެ މެމްބަރުކަން ދިނުމަށް ހުށަހެޅި ޑްރާފްޓް ގަރާރު ސްޕޮންސަރ ކުރީ މެލޭޝިއާ، އިނގިރޭސިވިލާތް އަދި އުރުދުން އިންނެވެ. އެދުވަހު އ.ދ.ގެ ސަލާމަތީ މަޖިލީހުގައި އެ ގަރާރު ސްޕޮންސަރ ކުރި ގައުމުތަކުގެ އިތުރުން ވާހަކަދެއްކި ގައުމުތަކުގެ ތެރޭގައި ސޯވިއެޓް ޔޫނިއަން، ޗައިނާ، އެމެރިކާ، އައިވަރީ ކޯސްޓް، ފްރާންސް، އުރުގުއޭ، ނެދަލޭންޑްސް ހިމެނެއެވެ.

މި ޤައުމުތަކުގެ ތެރެއިން އެއްވެސް ޤައުމަކުން އެ ދުވަހު އެ ދެއްކި ވާހަކައިގައި ރައީސް މުޢިއްޒު ގައުމީ ދުވަހުގެ އެ ވިދާޅުވި މޭރުމުން ދިވެހިރާއްޖެ އަށް އދ ގެ މެމްބަރުކަން ދިނުމާއި ދިވެހި ބަހާ ގުޅުވައިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

ކިރިޔާވެސް "ދިވެހިންގެ ބަހާ" ބެހޭ ގޮތުން އެއްޗެއް ބުނިކަން ފާހަގަ ވަނީ އުރުދުން އިން ދިން ބަޔާނުގައެވެ. އެ ބަޔާނުގައި އުރުދުން އާ ދިވެހިރާއްޖެ އާ އޮތް ގާތް ޘަޤާފީ ގުޅުމާ ބެހޭގޮތުން އަލިއަޅުވާލާފައިވެއެވެ. އުރުދުންގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އަކީ އާބަދީގެ ނިސްބަތުން ކުޑަ ގައުމެއް ކަމަށާއި، އެހެން ނަމަވެސް ދައުލަތެއްގެ ގޮތުގައި އދ އިން ދިވެހިރާއްޖެ ބަލައިގަތުން މިއީ ރަނގަޅު މުނާސަބަތެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ދިވެހިރާއްޖެއަށް ހަގީގީ މިނިވަންކަން ލިބުނީ އދ. ގެ މެމްބަރުކަން ލިބުމުން ކަމަށް ދޭހަވާ ގޮތައް ދެއްކެވި ވާހަކަފުޅަކީވެސް ހަގީގަތާ ޚިލާފް ވާހަކަފުޅެކެވެ.

ދިވެހިރާއްޖެއިން މިނިވަންކަން ހޯދުމަށް އދ އަށް ހުށަހަޅާފައެއް ނުވެއެވެ. އދ އަށް ރާއްޖެއިން ހުށަހެޅީ އެ ޖަމާއަތުގެ މެމްބަރުކަން ހޯދުމަށެވެ. އެކަން އެނގެނީ 26 އޮގަސްޓް 1965 ގައި ރާއްޖެއިން އދ އަށް ފޮނުވި ސިޓީންނެވެ. އެސިޓީގައި ސޮއި ކުރެއްވާފައިވަނީ ރާއްޖޭގެ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރެވެ. އެ ސިޓީގައި ބޮޑުވަޒީރު ނާސިރު ލިޔުއްވާފައިވަނީ ދިވެހިރާއްޖެއިން އދ ގެ މެމްބަރަކަށް ވުމަށް ޝައުގުވެރިވާތީ އެކަމަށް އެދި ހުށަހެޅުއްވީ ކަމަށެވެ.

އެހެން ކަމުން އދ ގައި ރާއްޖެއަށް މިނިވަންކަން ދިނުމުގެ ބަހުސް އެއް ނުކުރެއެވެ. އދ ގެ މެމްބަރުކަން ހޯދަން ހުށަހެޅި އިރުވެސް އަދި އެކަމުގެ ބަހުސް ކުރިއިރުވެސް ރާއްޖެއަކީ މިނިވަން ގައުމެކެވެ. މިނިވަން ދިދި ވިހުރުވޭ ގައުމެކެވެ. އޭރުވެސް ރާއްޖޭގައި އަމިއްލަ ސަރުކާރެއް އޮތެވެ. ބޮޑުވަޒީރެއް ގައުމު ހިންގަވަމުން ގެންދެވިއެވެ. ގާނޫނު ހަދާ މަޖިލިހާއި އަމަލު ކުރަމުންދާ ގާނޫނު އަސާސީ އެއް އޮތެވެ.

1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު، ސަލާމަތީ މަޖިލީހުން ޖެނެރަލް އެސެމްބްލީއަށް ހުށަހެޅި ގޮތުގެމަތިން، ޑްރާފްޓް ރިޒޮލިއުޝަން ފާސްކޮށް، ދިވެހިރާއްޖެ އ.ދ.ގެ މެމްބަރަކަން ލިބުނެވެ. ޖެނެރަލް އެސެމްބްލީގައި އެދުވަހު ގިނަ ޤައުމުތަކަކުން އދ ގެ މެމްބަރަކަށް ވުމުން ދިވެހިރާއްޖެއަށް މަރުޙަބާ ކިޔާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް