ކ. މާލެ
|
9 ސެޕްޓެންބަރ 2024 | ހޯމަ 08:37
ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ ޔަމާލް އަދި އެ ޓީމުގެ ކޯޗު ފުއެންޓޭ
ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ ޔަމާލް އަދި އެ ޓީމުގެ ކޯޗު ފުއެންޓޭ
ރޮއިޓާސް
ސްޕެއިން ޤައުމީ ޓީމު
ޔަމާލް ކަހަލަ ކުޅުންތެރިޔަކު ހުރުމަކީ ނަސީބު: ފުއެންޓޭ
ފުއެންޓޭ ބުނީ ޤައުމީ ޓީމުގައި ޔަމާލް އަންނަނީ މޮޅަށް ކުޅެމުން ކަމަށާއި، އޭނާ އަކީ މުސްތަޤުބަލު އޮތް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.

ލަމީން ޔަމާލް ކަހަލަ ކުޅުންތެރިޔަކު ސްޕެއިންގައި ހުރުމަކީ، ސްޕެއިން ޤައުމީ ޓީމުގެ ނަސީބު ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ ބުނެފި އެވެ.

އޭނާ އެހެން ބުނެފައި ވަނީ ސްޕެއިން ޤައުމީ ޓީމުގައި ޔަމާލް ދައްކަމުން އަންނަ ކުޅުމާ ގުޅޭ ގޮތުންނެވެ. ސްޕެއިން ޤައުމީ ޓީމުގައި ޔަމާލް ގިނަ މެޗުތަކެއް ކުޅެމުން އަންނައިރު، އޭނާ އަކީ އެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިން ޤައުމީ ޓީމުގައި ޔަމާލް ކަހަލަ ޒުވާން ކުޅުންތެރިޔަކު ހުރުމަކީ އެމީހުންގެ ނަސީބު ކަމަށެވެ. ޚާއްސަކޮށް ޤައުމީ ޓީމުގައި އެއް ފެންވަރެއްގައި، ގިނަ މެޗުތަކެއް ކުޅެވޭނެ ކުޅުންތެރިޔަކު ހުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ވެސް ކޮށްފަ އެވެ.

މީގެ އިތުރުން ފުއެންޓޭ ބުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެޗެއްގެ 180 މިނެޓު ނުކުޅެވޭ ނަމަ، ކަންކަން ދޫކޮށްލުމަށްފަހު އެނބުރި ދާން ޖެހޭނެ ކަމަށެވެ. ފުއެންޓޭ ބުނީ އެމީހުންގެ މަސައްކަތަކަށް ވާނީ ޤައުމީ ޓީމު ތަމްސީލު ކުރުމާއި، ޤައުމީ ޓީމަށް މޮޅު ހޯދައި ދިނުން ކަމަށެެވެ. އެއީ ކުޅުންތެރިންގެ އިތުރުން މުވައްޒަފުންގެ "މަސްއޫލިއްޔަތު" ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ފުއެންޓޭ ބުނީ ޤައުމީ ޓީމުގައި ޔަމާލް އަންނަނީ މޮޅަށް ކުޅެމުން ކަމަށާއި، އޭނާ އަކީ މުސްތަޤުބަލު އޮތް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް ޒުވާން އުމުރުގައި ޔަމާލް ދައްކަމުން އަންނަ ކުޅުމަކީ އިންތިހާ އަށް ފާހަގަކޮށްލަން ޖެހޭ ކަހަލަ ކުޅުމެއް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. އެހެންކަމުން ސްޕެއިން ޤައުމީ ޓީމު ކުރިއަށް ދާން ކުރާ މަސައްކަތުގައި ޒުވާން ކުޅުންތެރިންނަކީ މުހިންމު ބައެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޔަމާލް އަށް، ސްޕެއިން ޤައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ޖަރުމަނުގައި މިއަހަރު ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ސްޕެއިން އާއެކު ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި ވެސް ޔަމާލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ އަކީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް