ހަމާސްގެ ކުރީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ބާޠިލުކޮށްފިއެވެ.
އައިސީސީ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ "ހަނިއްޔާ އަވަހާރަވުމާ ގުޅިގެން ހާލަތު ބަދަލުވެފައިވާތީ" އޭނާގެ މައްޗަށް ހިންގަމުންދިޔަ މައްސަލަ ކޯޓުން ވަނީ ބާތިލުކޮށްފައި ކަމަށެވެ.
އައިސީސީގެ ވަކީލު ކަރީމް ޚާން މީގެ ކުރިން ވަނީ ހަނިއްޔާ އާއި ހަމާސްގެ އިސް އޮފިޝަލުންގެ އިތުރުން އިޒްރޭލުގެ ބޮޑުވަޒީރު ބެެންޖަމިން ނަތަންޔާހޫ އަދި ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހައްޔަރު އަމުރެއް ނެރުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް، 2 އޯގަސްޓު 2024 ގައި ޚާން ވަނީ ހަނިއްޔާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ދޫކޮށްލާފައިކަމަށް އައިސީސީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން އިޒްރޭލުގެ އިސްވެރިންގެ މައްޗަށް ހައްޔަރު އަމުރެއް ނެރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލަމުންދާކަމަށް އައިސީސީގެ ބަޔާނުގައިވެއެވެ.
ހަމައެގޮތުން، ހަނިއްޔާގެ ފަހުން ހަމާސްގެ ވެރިކަމަށް ޢައްޔަންކޮށްފައިވާ ޔަހްޔާ ސިންވާރު އަދި އަސްކަރީ ސްޓްރެޓެޖިސްޓް މުޙައްމަދު ދީފްގެ މައްޗަށްވެސް ޚާން ވަނީ ހައްޔަރު އަމުރަކަށް އެދިފައެވެ.
ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަވެފައިވަނީ އޭނާ އިރާނުގައި ހުންނަވަނިކޮށް ޖުލައި މަހުގެ 31 ވަަނަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައެވެ.