ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 10:59
100 މީޓަރު ރޭހުގެ އެއް ވަނަ ހޯދި އިބާދުﷲ
100 މީޓަރު ރޭހުގެ އެއް ވަނަ ހޯދި އިބާދުﷲ
ގާފު އެމްވީ
ޤައުމީ އެތުލެޓިކްސް މުބާރާތް
ޤައުމީ މުބާރާތުގެ 100 މީޓަރު ރޭހުގެ އެއް ވަނަ އިބާދުﷲ އަށް
މިއީ 2013 ވަނަ އަހަރުގެ ފަހުން 100 މީޓަރު ދުވުމުގެ ރޭހުގެ އެއް ވަނަ ސާއިދު ނޫން އެހެން އެތުލީޓަކަށް ހޯދުނު ފުރަތަމަ ފަހަރެވެ.

އެތުލެޓިކްސް ޤައުމީ މުބާރާތުގެ 100 މީޓަރު ރޭހުގެ އެއް ވަނަ، އިބާދުﷲ އާދަމް ހޯދައިފި އެވެ.

އިބާދުﷲ އެއް ވަނަ ހޯދާފައި ވަނީ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ 100 މީޓަރު ދުވުމުގެ ރޭހުގެ ފައިނަލްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިބާދުﷲ އަށް އެއް ވަނަ ލިބުނީ 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ ސާއިދު އެވެ. ސާއިދު އަށް ރޭސް ނިންމުނީ 10.67 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ މުޙައްމަދު މިންހާލް ޝާމިން ރޭސް ނިންމާފައި ވަނީ 10.74 ސިކުންތުންނެނެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން 100 މީޓަރު ދުވުމުގެ ރޭހުގެ އެއް ވަނަ ސާއިދު ނޫން އެހެން އެތުލީޓަކަށް ހޯދުނު ފުރަތަމަ ފަހަރެވެ. ރޭހުގެ އެއް ވަނަ ހޯދި އިބާދުﷲ އަކީ ޖެމެއިކާގައި ތަމްރީނުތައް ފުރިހަމަ ކުރަމުން އަންނަ ދުވުންތެރިޔެކެވެ. މިއީ އަނިޔާގައި ހުރުމަށްފަހު އަލުން އެނބުރި އައި އިބާދުﷲ ހޯދި ރަނގަޅު ކާމިޔާބެކެވެ. އަނިޔާގެ ސަބަބުން އިބާދުﷲ އަށް ވަނީ އޭޝިއަން ގޭމްސްގެ އިތުރުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ވެސް ގެއްލިފަ އެވެ. އޭގެ އިތުރުން 2023 ވަނަ އަހަރުގެ ޤައުމީ މުބާރާތުގައި ވެސް އޭނާ ވާދަ ކޮށްފައި ނުވެ އެވެ.

އަނިޔާ އިން ރަނގަޅުވެ އެންމެ ފުރަތަމަ އިބާދުﷲ ވާދަކޮށްފައި ވަނީ މިއަހަރު ފްރާންސްގެ ޕެރިހުގައި އޮތް އޮލިމްޕިކްސް ގޭމްސްގަ އެވެ.

- ކޮމެންޓް