މިއަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރާނީ ޢިބާދުﷲ އާދަމް ކަމަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ގދ.ތިނަދޫ އަށް ނިސްބަތްވާ ޢިބާދުﷲ އަންނަނީ ކުޅިވަރު ވުޒާރާ އިން ތަމްރީނު ފުރުސަތެއްގައި ޖެމެއިކާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ޢިބާދުﷲ އަށް އެ ތަމްރީނު ފުރުސަތު ލިބިފައި ވަނީ 2022 ވަނަ އަހަރު އެވެ.
އެންމެ ފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސްތަކުގައި ޢިބާދުﷲ ގެ ޓައިމިން އަކީ 10.5 ސިކުންތެވެ. އެ ޓްރައިލްސް އިން އެންމެ ރަނގަޅު ޓައިމުންއެއް ހޯދާފައި ވަނީ ވެސް ޢިބާދުﷲ އެވެ. ޢިބާދުﷲ އަކީ ރާއްޖޭގެ އެތުލެޓިކްސް ރޭންކިންގެ އެއް ވަނަ އެތުލީޓެވެ.
ޒުވާން އެތުލީޓު ޢިބާދުﷲ ވަނީ 2018 ވަނަ އަހަރު އޮތް ޔޫތު އޮލިމްޕިކްސްގައި ވެސް ދިވެހި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ކުރިއަށް ދިޔަ ކުރިއަށް ދިޔަ އޭޝިއަން ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރުމުގެ ފުރުސަތު ޢިބާދުﷲ އަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.
އެތުލެޓިކްސްގެ އިތުރުން މިއަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ އިން ވާދަކުރާނީ ޓޭބަލް ޓެނިސް (ޓީޓީ)، ބެޑްމިންޓަން އަދި ސްވިމިން އެވެ. ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ، ކޮލިފިކޭޝަން ކާމިޔާބުކޮށް އޮލިމްޕިކްސް އަށް ކޮލިފައިވެފަ އެވެ. ދީމާ އަކީ ރާއްޖެ އިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓެވެ.
އޮލިމްޕިކްސްގައި ބެޑްމިންޓަ އިން ރާއްޖެ ތަމްސީލު ކުރާނީ ފާތިމަތު ނަބާހާ އެވެ. އެއީ ރާއްޖެ އަށް ލިބޭ އިންވިޓޭޝަނަލް ފުރުސަތުންނެވެ. ސްވިމިން އިން ވެސް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބޭއިރު، ސްވިމިން އިން ވާދަކުރާނެ އެތުލީޓުގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.