ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރަށް ދިވެހި ރާއްޖޭގެ ސްކޫކް ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކުން ހާސްވެ، ވީ ގޮތަކުން އަވަހަށް ބޮންޑް ވިއްކާލަން އުޅޭ ފަރާތްތައް ފާއިތުވި ދެތިން ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް މަޝްހޫރު ބްލޫމްބާގް ނޫހުން ބުނެފިއެވެ.
އެމެރިކާ ޑޮލަރުން މައިގަނޑު ގޮތެއްގައި މުއާމަލާތްތައް ހިނގާ ރާއްޖޭގެ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑްގެ އަގު ވަނީ މިދިޔަ ހަފްތާގައި ޑޮލަރަކަށް 70 ސެންޓަށްވުރެ ދަށަށް ގޮސްފައެވެ. މިއީ މިހާތަނަށް ރެކޯޑު މިންވަރަކަށް ދަށް އަގެއް ކަމަށް ބްލޫމްބާގް އިން ބުނެއެވެ.
ބޮންޑުގެ އަގު މި މަހުގެ ތެރޭގައި ވެއްޓިފައިވާ މިންވަރަށް ބަލާއިރު، ބްލޫމްބާގް އިން ބުނެފައިވަނީ ރާއްޖޭގެ ސްކޫކް ވެފައިވަނީ "ބްލޫމްބާގް އީ.އެމް ސޮވްރިން ޓޯޓަލް ރިޓާން އިންޑެކްސްގައި" އެންމެ ދަށްކޮށް ޕާފޯމް ކުރާ ބޮންޑް ކަމުގައެވެ.
ޑާންސްކް ބޭންކުގެ ޕޯޓްފޯލިއޯ މެނޭޖަރު ސޯރެން މޯރޗް ބުނެފައިވަނީ އެ ބޭންކުން ގަނެފައިވާ މެޖޯރިޓީ ބޮންޑް މިހާރު ވަނީ ވިއްކާލާފައެވެ. އެއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވަމުން ދިއުމާއި މިހާރު އެ ހާލަތު އިތުރަށް ގޯސްވެފައިވާތީއެވެ.
މިހާރު އުފެދިފައިވާ ސުވާލަކީ، އެހެން މުސްލިމް ގައުމުތަކުން ރާއްޖޭގެ ސްކޫކް ޑިފޯލްޓް ވާން ދޫކޮށްލަފާނެތޯ ކުރެވޭ ސުވާލު ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ. މިހާތަނަށް އެއްވެސް ގައުމަކުން ސްކޫކް ޑިފޯލްޓް ވެފައެއް ނުވެއެވެ.
ސްކޫކް ބޮންޑަށް އޮތް ޕްރެޝަރ ބޮޑުވީ ހުސްވި ހަފްތާގައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބޭންކް - ބޭންކް އޮފް މޯލްޑިވްސް، އިން އެ ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި އިތުރު ލިމިޓްތަކެއް ތަޢާރަފުކުރުމަށް އިއުލާން ކުރުމާ ގުޅިގެންނެވެ. އަދި އެއާއެކު ފިޗް ރޭޓިންގްސްއިން ޖެހިޖެހިގެން ގާތްގާތުގައި ރާއްޖޭގެ ރޭޓިންގ ދަށް ކުރުމާ ގުޅިގެންނެވެ. ޖޫން މަހުން ފެށިގެން މިދިޔަ މުއްދަތުގައި ދެވަނަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ދަރަޖަ ދަށްކޮށްފައެވެ. ފިޗުން ބުނެފައިވަނީ ރާއްޖެ ދަރަނިވެރި ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިކަންކަމުގެ ނަތީޖާ އެއްގެ ގޮތުން ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކަށް ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބިފައިވާ ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ.
ބްލޫމްބާގް އިން ބުނެފައިވަނީ، ދިވެހިރާއްޖެއިން 2026 ވަނަ އަހަރު 500 މިލިއަން ސްކޫކް ބޮންޑުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭނެއެވެ. އަދި މިވަގުތު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޮކްޓޯބަރު 8 ވަނަ ދުވަހަށް އިންވެސްޓަރުންނަށް ދައްކަންޖެހޭ ފައިސާ އަށް ކަމަށްވެސް ބްލޫމްބާގް އިން ބުނެއެވެ.
އެމް އެންޑް ޖީގެ ސީނިއަރ އިމާޖިންގ މާކެޓް ސޮވްރިން ޑެޓް ސްޓްރެޓެޖިސްޓް ޕަރވީ ހަރލަލްކާ ބްލޫމްބާގް އަށް ކިޔައިދީފައިވާ ގޮތުގައި، "ދިވެހިރާއްޖެއިން ވިއްކާފައިވާ ސުކޫކް ޑިފޯލްޓްވުމުގެ ރިސްކު އިތުރުވެފައިވަނީ، ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމާއި، އެ ފައިސާ ދެއްކުމަށް ބޭނުންވާ ވަރަށް ބޭރު ފައިސާގެ ރިޒާވް ނެތުމުގެ ސަބަބުންނެވެ." އޭނާ އިތުރަށް ބުނި ގޮތުގައި ޗައިނާ ނުވަތަ ގަލްފު ގައުމުތައް ނުވަތަ އިންޑިޔާ ފަދަ ރަހުމަތްތެރި ބޭރު ގައުމަކުން އެންމެ ފަހު ވަގުތު ބޭރު ފައިސާގެ އެހީ ރާއްޖެ އަށް ނުދީފިނަމަ އޮކްޓޯބަރު މަހުގެ ކޫޕަން ފައިސާ ނުދެއްކި ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
"ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެފައިވީނަމަވެސް، އަސާސީ ބޭނުންތަކަށް ބޭރުން އެތެރެކުރާ ތަކެއްޗަށް ބޮޑަށް ބަރޯސާވުމާއި ރުފިޔާގެ އަގު ޑޮލަރުގެ އަގުގެ ނިސްބަތުން ހިފެހެއްޓުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އަށް ޕްރެޝަރ ބޮޑު ވެފައިވާ ކަމަށާއި އޯގަސްޓް 29 ގައި ފިޗް އިން ރާއްޖޭގެ ދަރަޖަ "ސީސީ" އަށް ދަށްކޮށްފައިވަނީ ބޭރު ފައިސާ ހުރި މިންވަރު ދަށްވުމުގެ ސަބަބުން ގައުމު ބަނގުރޫޓް ވުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ،" ބްލޫމްބާގް ގައި ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ޑރ މުއިއްޒު ބޭނުން ކުރެއްވި "އިންޑި އައުޓް" ސްލޯގަން އާއެކު އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އިންޑިއާ އާ ރާއްޖެއާ އޮންނަ ގުޅުން ހީނަރުވެދާނެ ކަމަށް ބެލެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބޮޑު މެޖޯރިޓީއެއް ލިބުނު ހިސާބުން ބައެއް އިންވެސްޓަރުން ރާއްޖެއާ ފެއަށް ޖެހެނު ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ.