Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 19:13
ރައީސް އޮފީހުގައި އޮތް ބައްދަލުވުމަށް ރައީސް ވަޑައިގެން ބީއެމްކޭޔޫގެ މެންބަރުންނާއި ސަލާމްކުރައްވަނީ، މެންބަރުން ބުނަނީ ރައީސްއަށް ގިނަ ކަންކަން އެނިވަޑައިނުގަންނަވާ ކަމަށް
ރައީސް އޮފީހުގައި އޮތް ބައްދަލުވުމަށް ރައީސް ވަޑައިގެން ބީއެމްކޭޔޫގެ މެންބަރުންނާއި ސަލާމްކުރައްވަނީ، މެންބަރުން ބުނަނީ ރައީސްއަށް ގިނަ ކަންކަން އެނިވަޑައިނުގަންނަވާ ކަމަށް
ރައީސް އޮފީސް
ބޮޑުކަންނެލި މަސްވެރިކަން
ބޮޑުކަންނެލި މަސްވެރިކަންކުރާ މީހުންނާއި ބައްދަލުކުރުން: މަސްވެރިންގެ ޝަކުވާ އިންތިހާއަށް! ރައީސްއަށް އެނގިވަޑައިގަންނަވާ ކަމެއް ނެތް
ހުޅުމާލެ ކަންނެލި ޖެޓީގައި ކުރިއަށްގެންދާ އެއްވެސްކަމެއް ރައީސްއަށް އެނގިވަޑައިނުގަންނަވާ
އެންވެރިކަން ކުރާ ފަރުތައް ކައިރިން ވެލި ނަގާ މައްސަލައިގައި މަސްވެރިން ޝަކުވާ ކުރާކަމެއް ރައީސްއަށް އެނިވަޑައިނުގަންނަވާ
މިފްކޯއަށް މަސްކިރުމާއި ހަމައަގުގެ ވާހަކައަށް ރައީސްގެ ސާފު ޖަވާބެއް ނެތް

މި ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ހުރި ކަންކަން ކުރެއްވުމުން އެ ސިނާޢަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ބުނެ ރައީސް އޮފީހުން ޝާއިއުކުރި ހަބަރުގައި ހުރި ވާހަކަތައް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ދޮގުކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ އިސް ފަރާތްތަކާއި ރައީސް ބައްދަލުކުރައްވާފައިވަނީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ބީކޭއެމްޔޫއިން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނެފައިވަނީ، މި ސަރުކާރުން ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމުމަށްފަހު އަނބުރާ އެ ނިންމުން ރައީސް ގެންދަވާފައިވާތީ އެކަމަށް މެންބަރުން ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ބައްދަލުވުމުގައި ތިބި ފަރާތްތަކުން ރައީސްއާއި ދެއްކި ހަމައެކަނި ޕޮޒިޓިވް ވާހަކައަކީ ވެސް އެއީ ކަމަށެވެ.

އަދި އެކަން ސަރުކާރުން ނިންމީ ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ އިތުރުން ބައިވަރު މީހުންގެ ކަންބޮޑުވުންތައް އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން މައިގަނޑު ގޮތެއްގައި ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުން މި ބައްދަލުވުމުގައި ކޮށްފައިވަނީ ޝަކުވާތައް ކަމަށާއި، ގިނަ ކަންކަމަކީ ރައީސްއަށް އެނގިވަޑައިގެންނެވި ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަންކަން އެނގިވަޑައިގަންނަވަނީ މިނިސްޓަރު އަހުމަދު ޝިޔާމަށް އެކަނި ކަމަށާއި، އެހެންކަމުން މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރެވިފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

ބީކޭއެމްޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

Advertisement

މީގެ އިތުރުންވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން ފާހަގަކޮށްފައިވެއެވެ. އަދި އެ "ފްލޯ ޕްރައިސް" ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދިނުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ ތެރެއިން ބޮޑުކަންނެލި މަސްވެރިކަން ކުރާ މީހުންގެ އަތުން މިފްކޯއިން މަސްގަތުމާއި، ހަމައަގު ކަނޑައެޅުމާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ދެއްކި ވާހަކަތަށް ރައީސްގެ އެއްވެސް ޖަވާބެއް ނެތްކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭ ކަންނެލި ޖެޓީގައި ބޮޑުކަންނެލި ޕެކިން ފެސިލިޓީ ހަދާކަންވެސް ރައީސްއަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ފުށިދިއްގަރު ފަޅާއި ހުޅުމާލެ ހިއްކުމަށް އެންވެރިކަން ކުރާ ފަރުތައް ކައިރިން ވެލިނަގާތީ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާކުރުމުންވެސް ރައީސް ވަނީ އެކަންކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މި ބައްދަލުވުމުގައި މަސްވެރިކަމާއި ގުޅުންހުރި އަދި ކަންބޮޑުވާ ގިން ކަންކަން ރައީސްއަށް އެނގިވަޑައިނުގަންނަވާ ކަމަށް ބައްދަލުވުމުގެ ބައިވެރިން ބުނެފައިވާއިރު އެ ކަންކަން އެނގިވަޑައިގަންނަވަނީ ފިޝަރީޒް މިނިސް ޝިޔާމަށް ކަމަށާއި، އެހެންކަމުން މިނިސްޓަރު އެ ކަންކަން ރައީސްއާއި ހިއްސާނުކުރާކަމަށް ގަބޫލުކުރެވޭ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ކެޔޮޅުން ވަނީ ބުނެފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ކެޔޮޅުން ބުނެފައިވަނީ ރައީސް ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒުވުމުން މަސްވެރިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ވިދާޅުވުމުން އެއީ ހައްލެއް ނޫންކަމަށް ބުނެފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ވައުދުތަކާއެކު ކަމަށާއި، އެކަންކަން ފުއްދާނެ ދުވަހެއް ސަރުކާރަށްވެސް ނޭނގޭ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ކެޔޮޅުން ބުނީ ރައީސް ބީކޭއެމްޔޫއާއި ބައްދަލުކުރީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އަނެއްކާވެސް މުޒާހަރާއެއް ކޮށްފާނެތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ނިމިގެންދިޔަ އިރުވެސް މަސްވެރިންގެ ކަންބޮޑުވުންތަކެއް ހައްލެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ރައީސް ނުދެއްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް