Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 15:07
ރައްޔިތުންގެ ބައްދަލުވުމެއްގައި އާޒިމް ވާހަކަދައްކަވަނީ
ރައްޔިތުންގެ ބައްދަލުވުމެއްގައި އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސިޓީ ކައުންސިލްގެ މަސައްކަތްތައް
ގަރާޖް ސިޓީގެ އަސްލު ވިސްނުން އޮޅޭ މިންވަރަށް އެކަން އޮތީ އޮޅުވާލާފައި - އާޒިމް
ޓްރެފިކްގެ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އާޒިމް ވަނީ އަލިއަޅުވާލައްވާފަ
އާޒިމް ވަނީ މާލޭގެ މަގުތައް ސާފުކުރުމަށާއި، މާލޭގެ މަގުމަތި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފަ

ގަރާޖް ސިޓީގެ އަސްލު ވިސްނުން އޮޅޭ މިންވަރަށް އެކަން އޮތީ އޮޅުވާލާފައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އާޒިމް ވަނީ އެ ޕްރޮގްރާމްގައި ސިޓީ ކައުންސިލްގެ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ގަރާޖް ސިޓީގެ މައްސަލަ ހައްލުކޮށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. ޤާނޫނު ހެދިފައި ވަނީ އެންމެންނަށްޓަކާ ކަމަށާއި ޤާނޫނަށް ނުފެތޭގޮތަށް ދޫކޮށްފައި ހުރި ގަރާޖް ސިޓީގެ އެއްބަސްވުންތަކަށް ޢަމަލު ނުކުރެވޭނީ އެ ސަބަބާއި ހުރެ ކަމަށް އާޒިމް ވިދާޅުވިއެވެ. މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރކަމުގައި ދީފައި ހުރި ގަރާޖްސިޓީގެ ހުއްދަ ޤަވާއިދާއި ޚިލާފަށް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އާޒިމް ވިދާޅުވީ އޭނާ މޭޔަރކަމާއި ހަވާލުވުމަށް ފަހު ޢަމަލުކުރަމުން ދަނީ ޤާނޫނާއި އެއްގޮތަށް ގަރާޖްގެ ހުއްދަ ދޫކުރުމަށް ކަމަށެވެ. އާޒިމް ވަނީ ބައެއް އާއްމުންނަށް ވިސްނިފައި އޮންނަ ގޮތުން މާލެގެ ކޮންމެ މީހަކީ ގަރާޖްސިޓީ އެއް ލިބެންޖެހޭ މީހެއް ކަމަށެވެ. ޤާނޫނު ހަދަނީ ޤާނޫނު ހަދާ މަޖިލީހުން ކަމަށް ވާއިރު، އެ މަޖިލީހުން ހަދާފައިވާ ޤާނޫނު ބުނާ ގޮތުން އެކަން އޮތީ އެހެން ނޫންކަން އާޒިމް ފާހަގަކުރެއްވިއެވެ. ގަރާޖް ސިޓީ އިން ހުއްދަ ދޭން ޖެހެނީ ގަރާޖެއް އޮތް ބަޔަކަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެެވެ. ބައެއް މެމްބަރުން ވެސް އެ މީހުންނަށް ގަރާޖް ސިޓީ އިން ހުއްދަ ދޭން ޖެހޭ ކަމަށް ބުނާ ކަމަށާއި ޤާނޫނުގައި އޮތް އެއްޗެއް ބައެއް މީހުންނަށް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގަރާޖު ސިޓީން ހުއްދަ ހޯދަން އެދޭ ތަން ނޫން އެހެން ތަންތަނުގެ ފޮޓޯ އާއި އެކު ގަރާޖްސިޓީން ހުއްދަ ދީފައިވާ ކަމަށާއި އެކަން އެހެން ކުރަން ބޭނުން ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މާލޭގެ މަގުތައް ސާފުކުރުމަށާއި، މާލޭގެ މަގުމަތި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އަދި ޓްރެފިކްގެ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އާޒިމް ވަނީ އަލިއަޅުވާލައްވާފައެވެ. އެ ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ އެހެނިހެން މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވަނީ ސަހަރާތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެ މަސައްކަތް ކުރަމުން ދަނީ ކައުންސިލުން ފާސްކޮށްގެން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސަހަރާތަަކަށް ބަދަލު ގެނައުމާއި މެދު ބައެއް އާއްމުންގެ ފާޑުކިޔުން ދަނީ އަމާޒުވަނުންނެވެ. އާޒިމް ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ ފަތުވާ މަޖިލީހުގެ އިރުޝާދު ހޯދައިގެން، ދީނީ ގޮތުން ކަންކަން އޮންނަ ގޮތް ބެލުމަށް ފަހުގައި ކަމަށެވެ. ގަބުރު ވަޅުލާތާ ކިތަންމެ ޒަމާނެއް ވިޔަސް އޭގެ މަތީގައި ހިނގާ ބިނގާވުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށް އިރުޝާދު ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިޚުތިރާމާއި އެކު އެތަކެތި ފުރާނައިގެން ނަގައިގެން ގޮސް އެހެންތަނަކަށް ބަދަލުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ލަފާލިބިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މާލޭގައި ހުރި ކުދި މިސްކިތްތަކުގެ ތެރޭގައި ގިނައީ ގަބުރުސްތާންތައް ގޮތަށް ހުރި ތަންތަން ކަމަށާއި އެތަންތަން ވެސް ނަގާފައި ވަނީ ދީނީ އުސޫލުތަކާއި އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެފަދަ ތަންތަން ނެގުމަކީ ކުރިންވެސް ކުރަމުންދާ ކަމެއްކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މާލޭގައި އެގޮތަށް 8 ވަރަކަށް ގަބުރުސްތާން ކުރިންވެސް ނަގާފައިވާ ކަމަށާއި އެ ވާހަކަތައް ވެސް ސިޔާސީ މީހުން ސިޔާސީ ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހެންވޭރު ސަހަރާއިން ބައެއްވެސް ނަގާފައި އޮންނާނެ. މައްޗަންގޮޅި ސަހަރާއިން ބައެއްވެސް ނަގާފައި ހުންނާނެ. އެކަން ކުރަނީ ދީނުގައި އޮންނަ ގޮތަށް ދޭންވާ އިޚުތިރާމް ދީގެން. މިހާރު ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ނުކުމެލާނެ ތަނެއް ނުހުރޭ. ކުދިކުދި ގޭގައި ތިބޭ މީހުން ނުކުމެލާނެ ތަނެއް ނުހުރޭ. އަޅުގަނޑުގެ ވިސްނުން ބޮޑަށް ހުރީ ގްރީން އޭރުއާތައް ހަދަން. އެއީ ކައުންސިލް މީހުން އެކަނި ދާކަށް ނޫން. ކޮންމެވެސް ވަރަކަށް ޕާކިން ތަނެއް ހުންނާނެ. އެކަމަކު ބޮޑުބައި އޮންނާނީ ހިތްފަސޭހަކޮށް.
މާލޭގެ މޭޔަރ އާޒިމް

މީގެ އިތުރުން ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ޕްރޮކިއުމެންޓްގެ ނިޒާމް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ކަންތައްތައް ރަނގަޅުވަމުންދާ ވަރަކަށް ނިޒާމަށް ހޭނެން ވަގުތުކޮޅެއް ބޭނުންވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް