ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 07:00
މިދިޔަ 25 އަހަރުގެ ތެރޭގައި ޣައްޒާ އިން ޕޯލިއޯ ޖެހުނު ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ކުއްޖާ އޮށޯވެގެން އޮތް އިރު އޭނާގެ އާއިލާގެ މެމްބަރުން ހާސްކަމުގައި
މިދިޔަ 25 އަހަރުގެ ތެރޭގައި ޣައްޒާ އިން ޕޯލިއޯ ޖެހުނު ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ކުއްޖާ އޮށޯވެގެން އޮތް އިރު އޭނާގެ އާއިލާގެ މެމްބަރުން ހާސްކަމުގައި
ރޮއިޓާސް
ޣައްޒާގައި ޕޯލިއޯ ބަލި
އާދިއްތަ ދުވަހު ޣައްޒާ ގައި ޕޯލިއޯ ވެކްސިން ދިނުން ފެށިދާނެ ކަމުގެ އުއްމީދު އެބައޮތް: ޑަބްލިޔުއެޗްއޯ
ޕޯލިއޯ ވެކްސިން ދިނުމަށް ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް އުއްމީދު ކުރެވުނަސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 79 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 77 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގައި އާދިއްތަ ދުވަހު ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯ އިން ހާމަ ކުރި ގޮތުގައި އިންސާނިއްޔަތައްޓަކައި ސެޕްޓެމްބަރު ފުރަތަމަ ދުވަހުން ފެށިގެން ހަނގުރާމަ ކުޑަ ކޮށް މަޑުޖައްސާލުމަށް އިޒްރޭލުން ވަނީ އެއްބަސްވެފައެވެ. އެހެން ނަމަވެސް މިކަން ހިނގާނީ "ވަކި ތަންތަނުގައި ވަކި ވަގުތުތަކެއްގައި" އެކަނި ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

ދުނިޔޭގެ ސިއްހީ ޖަމްއިއްޔާއިން އޯގަސްޓް 23 ގައި ބުނެފައިވަނީ ޕޯލިއޯ ޖެހިފައިވާ އެއް ކުއްޖަކު ޣައްޒާ އިން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ސަރަހައްދުން ފެނުނު ފުރަތަމަ މިފަދަ ކޭސްއެވެ. އދ އިން މިހާރު ތައްޔާރުވަމުންދަނީ ޣައްޒާގައި ތިބި ގާތްގަނޑަކަށް 640،000 ކުދިންނަށް ވެކްސިން ދިނުމަށެވެ.

ޕޯލިއޯ ވެކްސިން ދިނުމަށް ހަނގުރާމަ މެދުކަނޑާލުމުގެ ވާހަކަ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާތީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ހަމަލާތައް މެދުކަނޑާލަން ވަރަށް ހަނި ޕްލޭނެއް ހުށަހަޅާފައިވާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

"މިއީ ޕޯލިއޯ ވެކްސިން ދިނުމަށް ހަނގުރާމަ ހުއްޓާލުމެއް ނޫނެވެ. ހަމައެކަނި ޣައްޒާގެ ވަކި ސަރަހައްދުތަކެއް ކަނޑައެޅުމެވެ،" ބަޔާނުގައި ވެއެވެ.

ހަމާސް އިން ވަނީ އދ އިން ކަނޑައަޅާފައިވާ ގޮތައް ޕޯލިއޯ ވެކްސިން ދިނުމަށް އިންސާނިއްޔަތައްޓަކައި ޣައްޒާ ގައި ހަނގުރާމަ މެދުކަނޑާލަން ތާއީދު ކުރާ ކަމަށް ބުނެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 79 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 77 މީހުން ޒަޚަމްވެފައިވެއެވެ. ޣައްޒާގެ މެދުތެރެއަށް ހުކުރު ވިލޭރޭ ދިން ހަމަލާއެއްގައި އެއް ޢާއިލާއެއްގެ 9 މެންބަރުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައިވާ ކުއްޖާވެސް ހިމެނެއެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގާ ލާއިންސާނީ ހަނގުރާމަ އާ ބެހޭ ގޮތުން ބޭއްވި އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޗައިނާއިން އިޒްރޭލް ކުށްވެރިކޮށްފައި ވެއެވެ. ޗައިނާ އިން ބުނީ ޣައްޒާ އަށް ކުރިމަތިވި އިންސާނިއްޔަތާ ޚިލާފް ކާރިސާ ހުޅަނގު އައްސޭރީގައި ތަކުރާރު ކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އެހެން ނުވެއްޖެ ނަމަ ހުޅަނގު އައްސޭރި ވެގެންދާނީ ދުނިޔެމަތީގެ އަނެއް ނަރަކައަށް ކަމަށެވެ.  

ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް މަދުވެގެން 40,602 މީހުން ޝަހީދުވެ، 93,855 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް