ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން އެއީ މާލީ ބަޤާވާތެއް ކަމަށް ބަލާ ތަހުގީގެއް ފެށިޔަސް އެއްވެސް ބަޔަކު ހާސްވާން ނުޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން އެއީ މާލީ ބަޤާވާތެއް ކަމަށް ބަލާ ތަހުގީގެއް ފެށިޔަސް އެއްވެސް ބަޔަކު ހާސްވާން ނުޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބީއެމްއެލް މެދުވެރިކޮށް މާލީ ބަޤާވާތެއް ކުރި ކަމަށް ތުހުމަތުކޮށް މައްސަލަ ބަލާ ސަބަބާއި މެދު އިހުސާން ވާހަކަދައްކަވާފައެވެ. އެގޮތުން ބީއެމްއެލް އިން އެ ނިންމުން ނިންމީ ކުއްލިއަކަށް ސުވާލު އުފެދޭ ގޮތަށް ކަމަށް އިހުސާން ވިދާޅުވިއެވެ. ކޮންއިރަކުތޯ އަދިއްތަ ދުވަހެއްގެ ހެނދުނު ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ އިހުސާން ސުވާލުކުރެއްވިއެވެ. އިހުސާން މިހެން ވިދާޅުވި ނަމަވެސް އާދިއްތަ ދުވަހުގެ ހެނދުނު ގަޑީގައި މީގެ ކުރިން ވެސް ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ތަކުރާރުކޮށް ބާއްވާފައި އެބަ ހުއްޓެވެ.
އެހެންނަމަވެސް އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ބީއެމްއެލްގެ ނިންމުން އިޢުލާންކޮށް، ދެން ހިނގި ކަންކަން ހިނގުމަކީ އިއްތިފާގެއްތޯ ނުވަތަ ނޫންތޯ އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސްގެ ގެކޮޅަށް ވަންނަން ޖެހޭ ވާހަކަ އާއި ސަރުކާރާއި ދެކޮޅަށް ނުކުންނަ ވާހަކަދެއްކީ ބޮޓް އެކައުންޓްތަކުން ކަމަށާއި އެއީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ދުވަހު މެންދުރު ބޯޑު މީޓީން އެއް ބާއްވަން ތާވަލްކޮށްފައި އޮއްވާ ބީއެމްއެލްގެ ނިންމުން ހެނދުނު އިޢުލާންކުރި ސަބަބާއި މެދު އިހުސާން ސުވާލުކުރެއްވިއެވެ. ބީއެމްއެލް އިން ނިންމީ ވަރަށް ގިނަ ރައްޔިތުންނަށް އަސަރުކުރާ ފަދަ ނިންމުމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އެކަންކަމަށް ޖަވާބުދާރީވާނެ އިދާރާއަކީ ފުލުހުން. މި ސަރުކާރުވެސް ހޮވުނީ 50% އަށް ވުރެ ގިނަ މީހުން ވޯޓުދީގެން. އެ ސަރުކާރު ވައްޓާލަން ވާހަކަދައްކާ ނަމަ އެ ކަން ބަލަން ބޭނުންވާނެ އެ 50% މީހުން. އިންޖިނިއަރޑް ބޮޓާއި، ޕެއިޑް ބޮޓުތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި މިފަދަ ކަންކަން ހިނގީމަ. އިއްތިފާގެއްތޯ ނޫންތޯ އެނގޭނީ ތަހުގީގުކޮށް ބެލީމަތާ. އެކަން ކުރަން އޮތީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން. ތަހުގީގުކުރަން ފެށުމުން ސީޕީގެ އިސްތިޢުފާ ދެއްވަން ޖެހެންޏާ އެއީ ޢައިރު ޒިންމާދާރުކަމެއް. ސިޔާސީ ރެޓްރިކް ތެރެއަށް ފުލުހުން ނުވައްދަން އަޅުގަނޑު އެދެން.
ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ކަމަށެވެ. ހަމައެހެންމެ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން މިހާތަށް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހަރުދަނާ ހެކި ގަރީނާއެއްވެސް ހުރިކަމަށް ފުލުހުން ބުނެފައި ނުވެއެވެ.