ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 23:46
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޕީޕީއެމް
ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ
ފިނިފެންމާ ލޯންޗް ގޮއްވާލުން އެއީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއް - އަދުރޭ
ރައީސް ޔާމީން އެއިރު ދެއްކެވި ވާހަކައާއި މިއަދު ދައްކަވާ ވާހަކަ ގުޅުވާލީމަ ލޯންޗް ގޮއްވާލި ހާދިސާއާއިމެދު ސުވާލު އުފެދޭ
ލޯންޗް ގޮއްވާލީ ޕާޕާ ކަމަށް ރައީސް ޔާމިން ވިދާޅުވި
ފިނިފެންމާ ލޯންޗް ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް ސުވާލު އުފެދެނީ އެމަނިކުފާނުގެ އަމަލުހުންނެވި ގޮތުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗް ގޮއްވާލުން އެއީ އެމަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި ޑްރާމާއެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބައެއްފަހަރު ދައްކަވާ ވާހަކަފުޅުތަކުން ބައެއް ކަންކަމަށް ދައުވާކުރާ ކަމަށް ވިދާޅުވެވިދާނެ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން ބޮޑެތި ދޮގުތަކެއް ހައްދަވަމުން ގެންދަވާއިރު، އެމަނިކުފާނު އަރިހުގައި މިއަދު ތިއްބެވި ބޭފުޅުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ފިނިފެންމާ ލޯންޗް ގޮވުން އެއީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއް ނޫންތޯ ސުވާލުކުރައްވަން ކެރިވަޑައިގަންނަވާ ކަމަށެވެ. އެހިސާބަށް ރައީސް ޔާމީންގެ ވާހަކަފުޅުތައް ގޮސްފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ލޯންޗް ގޮއްވާލުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ލޯންޗުކޮޅުން ބޭރަށް ނުކުމެވަޑައިގެންނެވި އިރު ބޮޑު ފާލަމާއި ދިމާލުން ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ފެނިވަޑައިގެންނެވި ކަމަށާއި، އަދި އެކަން ކުރީ އެމީހާކަން ކަށަވަރުކުރެވުނު ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އިޝާރާތްކުރެއްވީ ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އަށް ކަމަށެވެ.

ދެން އިނީ ހުސެއިން ވަހީދު. ޔާމީން ވިދާޅުވީ ތިމަންނައަށް އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ނުދޭތާ 6 މަސް ދުވަސް ފަހުންނޭ ބޮންގޮވީ. މިއަދު ހުސައިން ވަހީދު އެންމެ އަރިހުގައި އެންމެ އިތުބާރު ކުރައްވަނީ. އެހެންވީމާ މިއަދު ސުވާލު އުފައްދަވަންޖެހޭ ފިނިފެންމާ ލޯންޗް ގޮއްވާލުން މިއީ އަނެއްކާ ޔާމީން އިސްވެ ހުންނަވައިގެން ކުޅުނު ޑްރާމާއެއް ނޫންބާއޭ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ވިދާޅުވީ އެއިރު ސުވާލެއް ނުއުފެދުނީ އެއިރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވައިގެން ރައީސް ޔާމީން ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވަމުން ގެންދެވުމުން ކަމަށާއި، އެއިރު އޭނާ ހުންނެވީ ސަރުކާރުގައި ނޫން ކަމަށެވެ. އަދި މަޖިލީހުގައި އެދުވަސްވަރު ހުންނެވި އިރު ރައީސް ދައްކަވަމުން ގެންދެވި ވާހަކައަށް އެއިރު އިތުބާރު ކުރައްވަމުން ގެންދެވި ކަމަށެވެ.

އެހެންކަމުން މިއަދު އެމަނިކުފާނު [ރައީސް ޔާމީން] ކަންކުރައްވާ ގޮތާއި ދައްކަވާ ވާހަކާއި، އަދި އެއުރު ދެއްކެވި ވާހަކަ ގުޅުވާލުމުން މިއަދު ސުވާލު [ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ] އުފައްދަންޖެހޭ ކަމަށެވެ.

- ކޮމެންޓް