ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 05:58
ޕަވެލް ޑޫރަވް، ޓެލެގްރާމްގެ ސީއީއޯ
ޕަވެލް ޑޫރަވް، ޓެލެގްރާމްގެ ސީއީއޯ
ގެޓީ އިމޭޖަސް
ޓެލެގްރާމްގެ ސީއީއޯ ހައްޔަރު ކުރުން
ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ ޕަވެލް ޑޫރަވް ހައްޔަރު ކޮށްފި
އޮފިޝަލުން ބުނާގޮތުގައި އުމުރުން 39 އަހަރުގެ ބިލިއަނަރ ޑޫރަވް ހައްޔަރުކޮށްފައިވަނީ މަޝްހޫރު މެސެޖިންގ އެޕްއާ ގުޅޭ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެންނެވެ
ޚަބަރުގެ އޯޑިއޯ

ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ މެސެޖިން އެޕް ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ ޕަވެލް ޑޫރަވް ފަރަންސޭސިވިލާތުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފަރަންސޭސި މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ޑޫރަވް ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު އޭނާގެ އަމިއްލަ ޖެޓް ޕެރިހުގެ އުތުރުގައިވާ ލެ ބޯރޖޭ އެއާޕޯޓަށް ޖެއްސިތަނުންނެވެ.

އޮފިޝަލުން ބުނާގޮތުގައި އުމުރުން 39 އަހަރުގެ ބިލިއަނަރ ޑޫރަވް ހައްޔަރުކޮށްފައިވަނީ މަޝްހޫރު މެސެޖިންގ އެޕްއާ ގުޅޭ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރަޝިޔާ އަށް އުފަން ޑޫރަވް ހައްޔަރު ކުރުމާ ގުޅިގެން ރަޝިޔާގެ ސަރުކާރުގެ ޓާސް ނިއުސް އޭޖެންސީން ބުނާގޮތުގައި ފަރަންސޭސިވިލާތުގައި ހުންނަ ރަޝިޔާގެ އެމްބަސީއިން މި މައްސަލަ ސާފުކުރުމަށް "އަވަސް ފިޔަވަޅުތަކެއް" ގެންދަނީ އަޅަމުންނެވެ.

ފަރަންސޭސި ޓީވީ ޗެނަލް ޓީއެފް1 ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ޑޫރަވް ދަތުރުކުރީ އޭނާގެ އަމިއްލަ ޖެޓުގައެވެ.

ޓެލެގްރާމްއަކީ ޚާއްޞަކޮށް ރަޝިޔާ، ޔުކްރެއިން އަދި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޤައުމުތަކުގައި މަޤްބޫލުކަން ބޮޑު އެޕެކެވެ.

އެހެން ނަމަވެސް ރަޝިޔާ ގައި 2018 ވަނަ އަހަރު ޓެލެގްރާމް ބޭނުން ކުރުން މަނާ ކުރިއެވެ. އެއީ ޓެލެގްރާމް ބޭނުން ކުރާ ފަރާތްތަކުގެ މައުލޫމާތު ރަޝިއާ ސަރުކާރާ ހިއްސާ ކުރުމަށް ޑޫރަވް ދެކޮޅު ހެދުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް މި މަނާކުރުން 2021 ގައި ބާތިލް ކޮށް، އަލުން ރަޝިޔާގައި ޓެލެގްރާމް ބޭނުން ކުރަން ވަނީ ފަށާފައެވެ.

ޓެލެގްރާމް އަކީ ދުނިޔޭގެ އެންމެ މަގްބޫލް އެއް މެސެޖިންގ އެޕް އެވެ.

ފޭސްބުކް، ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ވީޗެޓް އަށް ފަހު އެންމެ ގިނަ މީހުން ބޭނުން ކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އަކީ ޓެލެގްރާމް އެވެ.

ފޯބްސް އިން އަންދާޒާކުރާ ގޮތުގައި 15.5 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ލިބިފައިވާ ޑޫރަވް ކުރިން ދިން ބަސްދީގަތުމެއްގައި ބައެއް ސަރުކާރުތަކުން އޭނާއަށް ފިއްތުންތައް ކުރިމަތި ކުރާކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު 900 މިލިއަން މީހުން ބޭނުންކުރަމުންދާ ޓެލެގްރާމް އެޕް ވާންޖެހޭނީ "ވަކި ފަރާތަކަށް ނުޖެހޭ ޕްލެޓްފޯމެއް" ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް