ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 03:07
އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ
އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ
-
ނަތަންޔާހޫ ހައްޔަރުކުރުން
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމުން އަވަސް ކޮށްދޭން އައިސީސީ ގައި އެދިއްޖެ
ޕްރޮސެކިއުޓަރުން ބުނެފައިވަނީ މި މައްސަލަ އެއްވެސް ސަބަބަކާ ނުލައި ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށެވެ.
ޚަބަރުގެ އޯޑިއޯ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ޣައްޒާގެ ހަނގުރާމައާ ގުޅުންހުރި އެހެން ފަރާތްތައް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް ހުށަހަޅާފައިވާ ހުށަހަޅެޅުމަށް "އަވަހަށް" ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ފަނޑިޔާރުންނަށް އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ގޮވާލައްވައިފިއެވެ.

ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވިދާޅުވީ "މި މައްސަލަ އެއްވެސް ސަބަބަކާ ނުލައި ލަސްވުމަކީ ޝިކާރައަކަށްވީ މީހުންގެ ޙައްޤުތަކަށް ނޭދެވޭ އަސަރުކުރާ ކަމެއް،" ކަމަށެވެ.

ޚާން ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި، ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް އަދި ހަމާސްގެ 3 ލީޑަރުންނަށް އަރެސްޓް ވޮރަންޓް ނެރުމަށް މެއި މަހު އެދިފައެވެ.

މިއީ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާއި އޭގެ ފަހުން އިޒްރޭލުން ޣައްޒާ އަށް އަރާ ކުރަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ކުއްތަކުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރުމަށް ކޯޓުގައި އެދިފައިވާ އަމުރެވެ.

ޚާން ވަނީ އެ ފަރާތްތައް ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި ލިޔުންތައް ހުކުރު ދުވަހު އާންމުކޮށްފައެވެ. ޚާން ބުނެފައިވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާ ތަކުގެ މައްސަލަ ބެލުމުގެ އިހްތިސާސް އައިސީސީ އަށް ލިބިގެންވާކަމަށެވެ. އަދި އެކި ސަރުކާރުތަކުން މި މައްސަލައިގެ ތެރެއަށް ވަދެ އެއީ ކޯޓަށް ބެލޭނެ މައްސަލަ އެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ގާނޫނީ ޗެލެންޖްތައް ކޯޓުން ބޭރުކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އިޒްރޭލުން އަމިއްލަ އަށް ހަނގުރާމައިގެ ކުށްތަކުގެ ތަހުގީގު ހިންގަމުންދާ ކަމަށް ބުނާ ބުނުމަށްވެސް ޚާން ވަނީ ދެކޮޅު ހައްދަވާފައެވެ.

އައިސީސީގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ ނަތަންޔާހޫ އާއި ގަލަންޓް، އަދި ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރް، ހަމާސްގެ ސިފައިންގެ އިސްވެރިޔާ މުޙައްމަދު އަލް-މަސްރީ އަދި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ ވެސް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފް ކުށްތަކުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކި ހުރި ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޖުލައި މަހު އީރާނުގައި ހުންނަވަނިކޮށް ވަނީ އަވަހާރަކޮށްލާފައެވެ. އޮކްޓޯބަރު 7 ގެ ހަމަލާތައް ރާވައި ހިންގި ހަމާސްގެ އެންމެ އިސް އޮފިޝަލް ސިންވާރު، އޭގެ ފަހުން ގްރޫޕްގެ އައު ލީޑަރުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އިޒްރޭލުން ބުނެފައިވަނީ މުޙައްމަދު ދީފް ޖުލައި މަހު ދެކުނު ޣައްޒާގައި ދިން ވައިގެ ހަމަލާއެއްގައި މަރާލެވުނު ކަމަށެވެ. ނަމަވެސް މިކަން ހަމާސްއިން މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އިޒްރޭލުންވެސް ފަލަސްތީނުގެ ހަމާސް އިން ވެސް ވަނީ ހަނގުރާމައިގެ ކުށުގެ ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.

އިޒްރޭލަކީ ކޯޓުގެ މެންބަރެއް ނޫންކަމުން، ހައްޔަރުކުރުމުގެ ވޮރަންޓު ނެރުނު ކަމުގައިވިޔަސް، ނަތަންޔާހޫއާއި ގަލަންޓަށް މިވަގުތު ނުރައްކަލެއް ނެތެވެ. ނަމަވެސް އައިސީސީގެ މެމްބަރު އެހެން ގައުމަކުން ހައްޔަރުކުރުމުގެ ބިރު އޮތުމުން އިޒްރޭލުގެ ލީޑަރުންނަށް ބޭރަށް ދަތުރުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެއެވެ.

ހައްޔަރުކުރުމުގެ އަމުރާ މެދު ކޯޓުން ގޮތެއް ނިންމާނީ ކޮން އިރަކުކަން ސާފު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް