Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 08:46
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ލާމަރުކަޒީ ޤާނޫނު
ލާމަރުކަޒީ ޤާނޫނުގަ ވަށާ ބައްދާލައިގެން، އެ ޤާނޫނުގެ ބާރު ދަނީ ކަނޑުވާލަމުން - ޒިޔާދު
އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ފެށުނު އިރު ރައްޔިތުން ތިބީ ވަރަށް އުންމީދާއި އެކުގައި ކަމަށާއި އެކަން މިހާރު ބަދަލުވެފައި ކަމަށް
އަރބަން ޑިވެލޮޕްމެންޓް އޭރިއާތައް ކަމަށް ބުނެ ކައުންސިލްގެ އިޙްތިސާސްގެ ދަށުން ތަންތަން އުނިކުރުމުގެ ފުރުސަތު އަރބަން ޑިވެލޮޕްމެންޓް ބިލުން ލިބޭ ކަމަށް އޭނާ ވިދާޅުވި

ލާމަރުކަޒީ ޤާނޫނުގަ ވަށާ ބައްދާލައިގެން، އެ ޤާނޫނުގެ ބާރު ކަނޑުވާލަމުން ދާ ކަމަށް ވައިކަރަދޫ ދައިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ އަރބަން ޑިވެލޮޕްމެންޓް ބިލުގެ އެއް މާއްދާ އޮތީ މުޅި ލާމަރުކަޒީ ޤާނޫނު އުވޭ ގޮތަށް ކަމަށެވެ. ކައުންސިލްތަކުން ޕަރފޯމް ކުރާ ގޮތް ފެނުމުން އެކަން ސަރުކާރަށް ބަލައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަސް ކައުންސިލަރުން ކުރާ މަސައްކަތާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއި އެކު މިނިސްޓްރީތަކުން ކުރާ މަސައްކަތާއި ބައްދަލުނުވުމުން އެކަން ސަރުކާރަށް ހަޖަމް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކަށް ދޭ ގްރާންޓް ކަނޑާލަން ކަމަށް އޭނާ ވިދާޅުވިއެވެ. ތަފާތު ބަހަނާތައް ދައްކައިގެން އެ މަސައްކަތް ކުރަން ގޮތްތައް ސަރުކާރުން ދަނީ ހޯދަމުން ކަަމަށް ޒިޔާދު ވިދާޅުވިއެވެ. އެކަމާއި ދެކޮޅަށް ކައުންސިލްތަކާއި ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭނުމަކީ ކައުންސިލްތަކަށް ލިބޭ ބަޖެޓަށް އަތް ބޭނުން ކަމަށާއި ބޭނުންވަނީ އެ ފައިސާ ސަރުކާރުން ބޭނުންވާ ގޮތަކަށް ހޭދަކުރަން ކަމަށް އޭނާ ވިދާޅުވިއެވެ. އަރބަން ޑިވެލޮޕްމެންޓް އޭރިއާތައް ކަމަށް ބުނެ ކައުންސިލްގެ އިޙްތިސާސްގެ ދަށުން ތަންތަން އުނިކުރުމުގެ ފުރުސަތު އަރބަން ޑިވެލޮޕްމެންޓް ބިލުން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަރބަން ސެންޓަރ ހަދަނީ އާމްދަނީ ލިބޭ ތަންތަނަށް ކަމަށާއި އެ ހިސާބުން އަތޮޅުވެސް އުވިގެންދާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. އެ ހިސާބުން ކައުންސިލްތަކުގެ ބާރުގެ ދަށުގައި އޮންނާނީ ވިހާމަރުވާ މީހުންގެ އަދަދު ބެލެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނު އިރު ރައްޔިތުން ތިބީ ވަރަށް އުންމީދާއި އެކުގައި ކަމަށާއި އެކަން މިހާރު ބަދަލުވެފައި ކަމަށެވެ. އެގޮތުން މަސްވެރިން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި ބާނާ މަހަކަށް ދެމަސް ދިނަސް މަސްވެރިން ތިބީ ފުރަން ތައްޔާރަށް ނޫން ކަަމަށް ޒިޔާދު ވިދާޅުވިއެވެ. ބޮޑުކަންނެލި މަސްވެރިންގެ ހާލަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުވެފައި ވަނީ މަސައްކަތްތެރިން ދެކެ ނަފްރަތު ކުރާ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ކިބައިން ފެންނަނީ އޮޅުވާލުމާއި ހީލަތްތެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގައި ޚިޔާލުފާޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށް ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ ހަރުގެ ޖަލްސާތަކަކީ މިހާރު މިނިވަންކަމާއި އެކު ބަސްބުނަން ލިބޭ ހަމައެކަނި ފުރުސަތު ކަމަށް ވިދާޅުވެފައެވެ. ހަމައެކަނި ހަރުގެ ޖަލްސާތަކުން ފަރުޖައްސާލައިގެން މިހާރު ތިބެވެން ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް