Advertisement
ކ. މާލެ
|
28 ނޮވެންބަރ 2025 | ހުކުރު 14:11
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު
މިއީ ހަޑި ހޭވުން، މިކަމުން ސަރުކާރު ނުހިނގާކަން ހާމަވޭ
20 ވަނަ މަޖިލީހުން އެކުލަވާލި ގާނޫނަށް ވުރެ ގިނައީ އަމިއްލަ އަށް ފާސްކުރި ކަންކަން އިސްލާހު ކުރި ފަހަރު

ރައްޔިތުންގެ މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާ ގައި ސަރުކާރުގެ ފަރާތުން މެންބަރު އަނާރާ ނައީމް ހުށަހެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މެންބަރު ޒިޔާދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މެންބަރު ޒިޔާދު ވިދާޅުވީ 20 ވަނަ މަޖިލީހުން އެކުލަވާލި ގާނޫނަށް ވުރެ ގިނައީ އަމިއްލަ އަށް ފާސްކުރި ކަންކަން އިސްލާހު ކުރި ފަހަރު ކަމަށާއި، ބައެއް ފަހަރު ގާނޫނުގެ މާއްދާތަކަށް ވުރެ އެ ގާނޫނަށް ގެނައި އިސްލާހު ގިނަ ކަމަށެވެ. މިއީ ހަޑި ހޭވުން ކަމަށާއި، މިކަމުން ސަރުކާރު ނުހިނގާކަން ހާމަވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގައި މައިގަނޑު ގޮތެއްގައި މި ދައުރުގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ކަންކަން އެކަނި ކަމަށެވެ. އެހެންވެ، ގިނަ ދުވަސްދުވަހު ޖަލްސާ 11 ޖަހަންވާއިރަށް ނިންމާލަން ޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ދައުރުގެ ތެރޭގައި ބޮޑު ބައި މިދަނީ ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާ ކަންކަމަށް މިދައުރު އެއްކޮށް މިދިޔައީ ގާތްގަނޑަކަށް. އިއްޒަތްތެރި ރައީސް ގިނަ ދުވަަސްދުވަހު އަޅުގަނޑުމެން 11 ކުރިން މަޖިލިސް ނިންމާލަން ޖެހޭ ދައުލަތަށް ސަރުކާރަށް ކަންކަން ނުވެގެން. ހަގީގަތް ގަބޫލުކުރަން ޖެހޭ. ހަ މަސް ދުވަސް ދީފައި މި ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ލާފައި އެ ވިދާޅުވި ހުރިހާ އެމްޑީޕީ ވާހަކަ އެއް ކިޔާފައި މީތި ފާސްކޮށްފައި އަޅުގަނޑުމެން ވަރަށް މޮޅު އެއްޗެއް ކަމުގައި ފޮނުވީ. ހަ މަސް ފަހުން އެއަށް އަމަލު ނުކުރެވުނީމަ އަނެއްކާ ސަރުކާރުން މިފޮނުވަނީ މުއްދަތު އިތުރު ކުރަން. މިފަހަރު ދެ އަހަރު. ބާކީ ދައުރުގައި އިނީ ތިން އަހަރު އިއްޒަތްތެރި ރައީސް. މިއީ މުޅި ސަރުކާރު ހިނގާ ގޮތް އިއްޒަތްތެރި ރައީސް. މިއީ ކުޑަ ކުޑަ މިސާލެއް.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު، މެންބަރު މުހައްމަދު އިބްރާހިމްގެ ނަން ފާހަގަކޮށް ވާހަކަ ދެއްކެވީ ގިނަ އަދަދަކަށް ގަރާރާއި، ކުއްލި މައްސަލައިގެ އިތުރުން ބައެއް ޕެޓިޝަންތައް ވެސް މަޖިލީހަށް ކައިރި ކައިރީގައި ހުށަހަޅާފައި ވުމާއި އެކު މަޖިލީހުގެ މަސައްކަތުގެ ބޮޑު އިންސައްތަ އެއް އެ މަސައްކަތްތައް ހިއްސާކުރާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ.

މާލީ ޒިންމާގެ ޗާޓަރު ހަ މަސް ދުވަހުން އެކުލަވާލަން ޖެހޭ ގޮތަށް ފާސްކުރީ މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ނަމަވެސް އެ މުއްދަތު 24 މަސް ދުވަސް ނުވަތަ ދެ އަހަރު ދުވަހަށް އިތުރުކުރަން ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

- ކޮމެންޓް