ޕްރޮފެޝަނަލް ފުޓްބޯލާރސް އެސޯސިއޭޝަންގެ މުހިއްމު ދެ އެވޯޑްވެސް އިނގިރޭސި ގައުމީ ޓީމްގެ ދެ ކުޅުންތެރިންނަށް ލިބިއްޖެ އެވެ. އެއެސޯސިއޭޝަނުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިނި މެންޗެސްޓަރ ސިޓީގެ ފޯވާޑް ފިލް ފޮޑެން އަށެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ދިނީ ކުރިން ސިޓީއަށް ކުޅެ, މިދިޔަ ސީޒަންގައި ޗެލްސީއަށް ބަދަލުވި ކޯލް ޕާމާ އަށެވެ.
މިއީ 2009/2010 ގެ ސީޒަންގެ ފަހުން އިނގިރޭސި ކުޅުންތެރިންނަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެސީޒަންގައި މޮޅު ކުޅުންތެރިއަކީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ވޭން ރޫނީ އެވެ. ޒުވާން ކުޅުންތެރިއަކީ ޖޭމްސް މިލްނާ އެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވި ފޮޑެން ވަނީ މިދިޔަ ސީޒަންގައި 35 މެޗުން 19 ގޯލް ޖަހާފައެވެ. ފޮޑެން ބުނީ މިއެވޯޑަކީ އޭނާއަށް ޚާއްޞަ އަދި ފަޚުރުވެރި އެވޯޑެއް ކަމަށެވެ. ވޯޓްދިން އެންމެންނަށް ޝުކުރު އަދާކޮ އޭނާ ބުނީ މިދިޔަ ސީޒަނަކީ ސިޓީގެ އެންމެންނަށްވެސް ޚާއްޞަ ސީޒަނެއް ކަމަށެވެ.
އެކަމަކު މިހާރު އަހަރެމެން އެންމެންގެ ފޯކަސްވެސް މިހުރީ މިސީޒަނަށް, މިޓީމާއެކު އިތުރު ކާމިޔާބީ ހޯދަން.ފިލް ފޮޑެން / ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ
23 އަހަރުގެ ފޮޑެން އަކީ ހަ ޕްރިމިއަރ ލީގު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާއާ ސިޓީގެ މިހާރުގެ އަމާޒަނީ ވިދިވިދިގެން 5 ވަނަ ފަހަރަށް ލީގު ދިފާއު ކުރުމެވެ. މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީވެސް ފޮޑެން އެވެ.
ޒުވާން ކުޅުންތެރިއަކަށް ހޮވުނު ޗެލްސީގެ ކޯލް ޕާމާ އަކީ މިދިޔަ ސީޒަންގައި ލީގުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ލީގުގައި 34 މެޗުން 22 ގޯލް ޖަހާފައެވެ. ޗެލްސީގައި ދެއްކި މޮޅު ކުޅުމާއެކު މިއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޓީމުންވެސް ޖާގަ ލިބުނެވެ. ބަދަލަކަށް ނިކުމެ އޭނާ ވަނީ ފައިނަލްގައި ސްޕެެއިން ކޮޅަށް ލަނޑުވެސް ޖަހާފައެވެ.
ޕީއެފްއޭ އިން އެކުލަވާލި މިދިޔަ ސީޒަންގެ ޓީމްގައި އެންމެ ގިނައީ ސިޓީއާއި އާސެނަލް ކުޅުންތެރިންނެވެ. އާސެނަލްގެ 5 ކުޅުންތެރިން އަދި ސިޓީގެ 4 ކުޅުންތެރިން ހިމެނެއެވެ. އެ ދެ ޓީމަށް ނިސްބަތް ނުވާ ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް އާއި އެސްޓަން ވިލާ ފޯވާޑް ވަޓްކިންސް އެވެ. ޕީއެފްއޭ ޓީމްގައި ހިމެނުނު ސިޓީގެ ކުޅުންތެރިންނަކީ ޑިފެންޑަރ ކައިލް ވޯކާ, މިޑްފީލްޑަރ ރޮޑްރީ, ފޯވާޑް ހާލަންޑް އަދި ފޮޑެން އެވެ. އާސެނަލް އިން ޓީމްގައި ހިމެނުނު ކުޅުންތެރިންނަކީ ކީޕަރު ޑޭވިޑް ރާޔާ, ޑިފެންޑަރ ގަބްރިއަލް, މިޑްފީލްޑަރ ޑެކްލަން ރައިސް, އަދި މާޓިން އޮޑެގާޑް އެވެ.