ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 14:25
ކޯލް ޕަލްމާ އަށް ގާޑިއޯލާ ބުނެދެނީ
ކޯލް ޕަލްމާ އަށް ގާޑިއޯލާ ބުނެދެނީ
ގޫގުލް
ކޯލް ޕަލްމާ
ކޯލް ޕަލްމާ ގާތުގައި ނުދާން ބުނިން: ގާޑިއޯލާ
 
އޭނާ ވިއްކާލީތީވެ ސިޓީ އަށް ޝުކުރު އަދާކުރަން: ޗެލްސީގެ ކޯޗު

ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ފޯވަޑް ކޯލް ޕަލްމާ ގާތުގައި ކުލަބު ބަދަލުނުކޮށް މަޑުކޮށްދޭން އެދުނު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި އެފްއޭކަޕުގެ ސެމީ ފައިނަލުގައި ޕަލްމާ ކުޅެމުން އަންނަ ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހުމުންނެވެ.

ޕަލްމާ ވަނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހައިފަ އެވެ. މިއީ ސިޓީގެ އެއްވަނަ ފޯވަޑް އާލިން ހާލަންޑް ވެސް އިނގިރޭސި ލީގުގައި ޖަހާފައިވާ އަދަދެވެ. ޕްރެމިއާ ލީގުގެ ރަންބޫޓަށް 21 އަހަރުގެ ފޯވަޑް ވާދަކުރުމާ ވެސް އެކު ގާޑިއޯލާ ބުނީ ޕަލްމާ ސިޓީ ދޫކޮށްދިޔައީ އޭނާ އަށް ކުޅުމުގެ ވަގުތު އެކަށީގެންވާ ވަރަަށް ނުދެވުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ. ސިޓީ ދޫކޮށްލި އިރު އޭނާ ފުރަތަމަ 11ގައި ކުޅެފައިވަނީ އެންމެ ދެ މެޗުގަ އެވެ.

"އަހަރެން އޭނާ ގާތުގައި ބުނިން މަޑުކޮށްލާށޭ. ސަބަބަކީ ރިޔާދް މާރޭޒް ކުލަބުން ދާތީވެ. އެކަމަކު އޭނާ ބޭނުންވީ ދެ އަހަރު ދުވަހަށް އެހެން ކުލަބަކަށްދާން. އެކަމަކު އެގޮތަކަށް އަހަރެންނަށް އެއްބަހެއް ނުވެވުނު. ދެން އޭނާ ދިޔައީ. ދެން ކިހިނެތް އަހަރެންނަށް އޭނާ އަށް އެހީތެރިވެދެވޭނީ،"
ގާޑިއޯލާ ބުންޏެވެ.

ސިޓީން އެންމެ ފަހުން ޗެލްސީ އަށް ޕަލްމާ ވިއްކާލީ 42.5 މިލިއަން ޕައުންޑަށެވެ. ގާޑިއޯލާ ބުނީ ޗެލްސީގައި ޕަލްމާ ދައްކާ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ ކުރިއަރައިދާތަން ދެކެން ބޭނުންވާ ކަމަށެވެ.

މި ސީޒަނުގައި ޗެލްސީގައި ޕަލްމާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ އަކީ އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުން ޖާގަ ދޭނެ ކުޅުންތެރިއަކަށްވާނެ މީހެއް ކަމަށް ވަރަށް ގިނަ ކޯޗުން ގަބޫލުކުރެ އެވެ.

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ސިޓީން ޕަލްމާ ވިއްކާލީތީވެ އޭނާ އެކުލަބަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އޭނާ އަދި ވެސް ކުރިއަރާނެ. ވަރަށް ޒުވާން އުމުރުގައި އޭނާ އެދަނީ މޮޅު ގޯލުތަކެއް ޖަހަމުން. މިއީ އިނގިރޭސި ލީގު ކަހަލަ ވަރުގަދަ ލީގެއްގައި އެހާ ޒުވާން ކުޅުންތެރިއަކަށް ކުރަން ފަސޭހަކަމެއްނޫން. އެކަމަކު އޭނާ ދައްކާ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. ބުނަން އޮތީ އޭނާ ވިއްކާލީތީވެ ސިޓީ އަށް ޝުކުރިއްޔާއޭ،"
ކޯޗު ބުންޏެވެ.

ޕޮޗެޓީނޯ ބުނީ މޮޅު ކުޅުންތެރިންނާއެކު ކުޅެ ތަޖުރިބާ ހޯދުމަކީ ޕަލްމާ އަށް މިވަގުތު ވަރަށް މުހިންމު ކަަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް