މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާލެސިޓީން ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ގއ.މާމެންދޫ، މޫނިމާގެ 27 އަހަރުގެ ނަޒީހް ޝަރީފް އަދި ޏ.ފުވައްމުލައް ދަޑިމަގު، ވައިގެ 30 އަހަރުގެ މުހުސިން މުހައްމަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުންނާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 69 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.