ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 20:38
އެމްޕޮކްސް ވެކްސިން
އެމްޕޮކްސް ވެކްސިން
ގެޓީ އިމޭޖަސް
އެމްޕޮކްސް ބަލި
ޔޫރަޕްގެ ދަތުރުވެރިން އެމްޕޮކްސް ވެކްސިން ޖެހުމަށް އިރުޝާދު ދީފި
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އެމްޕޮކްސް އަށް ބައިނަލްއަގްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ބުނެފައިވަނީ މި ބަލި ހުރިހާ ތަނަކަށް ފެތުރުމުގެ ނުރައްކާ ކުޑަކަމަށެވެ.
ޚަބަރުގެ އޯޑިއޯ

އެފްރިކާގައި މަކުނުވިދުރި ނުވަތަ އެމްޕޮކްސް ބަލި އުޅޭ ސަރަޙައްދުތަކަށް ދަތުރުކުރާ ފަރާތްތަކުން އެމްޕޮކްސް ވެކްސިން ޖެހުމަށް ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން އިރުޝާދު ދީފިއެވެ.

އެމްޕޮކްސް ވައިރަހުގެ އާ ބާވަތެއް އެފްރިކާގައި ހަލުއި ކަމާއެކު ފެތުރެމުންދާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން އީސީޑީސީ އިން ވަނީ ބައްޔާމެދު އެ އިދާރާއިން ދޭ އިރުޝާދު ހުކުުރު ދުވަހު އަޕްޑޭޓްކޮށްފައެވެ. ޔޫރަޕްވެސް ހިމެނޭގޮތުން އެހެން ބައްރުތަކުން ވެސް ބަލީގެ ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީސީޑީސީ އިން ބުނެފައިވެއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެމްޕޮކްސް އަށް ބައިނަލްއަގްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް އީސީޑީސީ އިން ބުނެފައިވަނީ މި ބަލި ހުރިހާ ތަނަކަށް ފެތުރުމުގެ ނުރައްކާ ކުޑަކަމަށެވެ.

ކުރިން މަންކީޕޮކްސްގެ ނަމުން އާންމު ވެފައިވާ މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ.

ކުރިން އެމްޕޮކްސް ވެކްސިން ޖަހާފައިވާ މީހުންނަށް ބޫސްޓަރ ދެ ޑޯޒުގެ ބަދަލުގައި އެއް ޑޯޒު ޖެހުމުން ފުދިދާނެ ކަމަށް ވެސް އީސީޑީސީ އިން ބުނެފައިވެއެވެ. ބަލި ޖެހުމުގެ ނުރައްކާ އޮތް މީހުންނަށް އާންމުކޮށް ބޫސްޓަރ ޑޯޒު ޖެހުމަށް ލަފާދެނީ ކޮންމެ 2 އަހަރުން 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އެމްޕޮކްސް ބަލިޖެހިގެން މިފަހުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން 450 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވައިރަސް އެފްރިކާ 13 ޤައުމަކަށް ފެތުރިފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވާ އިރު ޑަބްލިޔުއެޗްއޯ އިން ވަނީ އެ ޖަމްއިއްޔާ އިން ބަލިތަކަށް ނެރޭ އެންމެ މަތީ ލެވެލްގެ އިންޒާރު މި ބައްޔަށް ބުދަ ދުވަހު ނެރެފައެވެ.

ޕާކިސްތާނުން މަކުނު ވިދުރީގެ ތިން ކޭސް ފެނިއްޖެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.

އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނު ވިދުރީގެ ފުރަތަމަ ކޭސް ސްވީޑަނުން ފެނިއްޖެ ކަމަށް އިޢުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ. ސްވިޑްންގެ ސިއްހީ އޮފިޝަލުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކޭސްތައް ފެނިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް