މިހާތަނަށް ރާއްޖޭން އެމްޕޮކްސް ކޭސް އެއް ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހުކުރުދުވަހު އެޗްޕީއޭ އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭން އެމްޕޮކްސް ކޭސް އެއް ފެނިއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމުގައެވެ.
"13 ސެޕްޓެމްބަރާ ހަމައަށް އެމްޕޮކްސް ކޭސް އެއް ރާއްޖޭން ރެކޯޑް ކުރެވިފައެއް ނެތް،" އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭ އިން މިހެން ބުނެފައިވާއިރު 'ދިޔަވަރު' ނޫހުގައި ހުކުރު ދުވަހު ޖެހި ޚަބަރެއްގައި ބުނެފައިވަނީ، މަކުނުވިދުރީގެ (އެމްޕޮކްސް) ކޭސްއެއް ހުޅުމާލޭން ފެނިފައިވާ ކަމަށާއި، ސަރުކާރުން އެކަން ސިއްރު ކޮށްފައި އޮތީ ރާއްޖޭގައި މިހާތަނަށް މި ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ކަމުގައެވެ.
މިޚަބަރަށް ރައްދުދެއްވާ މިނިސްޓަރ ހެލްތް މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވީ، އެއީ "ރޯ ބުހުތާން ދޮގު،" ކަމުގައެވެ.