ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 08:18
އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް، ރާއްޖެއިން ތައްޔާރުތަ؟
އެމްޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް، ރާއްޖެއިން ތައްޔާރުތަ؟
ރޮއިޓާސް
އެމްޕޮކްސް
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި
މި ޓެސްޓުގެ ނަތީޖާ ވަގުތުން އެނގޭނެކަމަށާއި، މި ނުރައްކާތެރި ވައިރަސްގެ ސަބަބުން ދުނިޔޭގައި އިތުރުވަމުންދާ ކޭސްތައް ހުއްޓުވުމަށް މުހިންމު ދައުރެއް މި އަވަސް ޓެސްޓް އަދާކުރާނެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނޭ

އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ހުއްދަދީފިއެވެ.

މިއީ މިބަލީގެ ފުރަތަމަ ރެޕިޑް ޓެސްޓް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

މި ޓެސްޓުގެ ނަތީޖާ ވަގުތުން އެނގޭނެކަމަށާއި، މި ނުރައްކާތެރި ވައިރަސްގެ ސަބަބުން ދުނިޔޭގައި އިތުރުވަމުންދާ ކޭސްތައް ހުއްޓުވުމަށް މުހިންމު ދައުރެއް މި އަވަސް ޓެސްޓް އަދާކުރާނެކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

މި އައު ޕީސީއާރު ޓެސްޓުން ހަމުން ނަގާ ސާމްޕަލްތަކުން އެމްޕޮކްސް ޑީއެންއޭ ވަގުތުން ދެނެގަނެވެއެވެ.

މިހާރު ސާމްޕަލްތައް ޓެސްޓުކުރުމަށް ލެބޯޓްރީއަށް ފޮނުވަންޖެހޭތީ، ބަލިމީހާއާއި ޑޮކްޓަރުން ނަތީޖާއަށް ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަން ޖެހެއެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދު ކަމުގައިވާ އެފްރިކާގައި ޓެސްޓުކުރުމުގެ ޤާބިލުކަން ކުޑަވުމާއި ކޭސްތައް ކަށަވަރުކުރުމުގައި ލަސްވުމަކީ އަދިވެސް އެ ސަރަހައްދަށް ދިމާވާ ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

މީގެ ސަބަބުން ކުރިން މަންކީޕޮކްސްގެ ނަމުގައި އެނގިފައިވާ އެމްޕޮކްސް ފެތުރުން އިތުރުވެގެން ދިޔަ ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

މިއަހަރު އެފްރިކާގައި ރިޕޯޓުކުރެވިފައިވާ 30،000ށް ވުރެ ގިނަ ޝައްކުކުރެވޭ ކޭސްތަކުގެ ތެރެއިން ޓެސްޓު ކުރެވި ކަށަވަރު ކުރެވިފައިވަނީ އެންމެ 40 އިންސައްތަ ކޭސް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޔުކިކޯ ނަކަތާނީ މި އައު ޓެސްޓަކީ "މުހިންމު މަރުޙަލާއެއް" ކަމުގައި ސިފަކުރެއްވިއެވެ.

"ފެންވަރު ރަނގަޅު މެޑިކަލް ތަކެއްޗަށް ވާސިލުވުމުގެ ފުރުޞަތު އިތުރުކުރުމަކީ ޤައުމުތަކަށް މި ވައިރަސް ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްޔިތުން ރައްކާތެރިކުރުމަށް، ޚާއްޞަކޮށް އެންމެ އެހީތެރިކަން ބޭނުންވާ ސަރަޙައްދުތަކުގައި، އެހީތެރިވުމަށް ކުރާ މަސައްކަތުގެ މައިގަނޑު ބައެކެވެ،" އޭނާ ވިދާޅުވިއެވެ.

މި ޓެސްޓަށް ޑަބްލިޔުއެޗްއޯ އިން ހުއްދަ ދިނީ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހޮނިހިރު ދުވަހު އެމްޕޮކްސް ވެކްސިން ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއްކަމަށްވާ އެމްޕޮކްސްގެ ސަބަބުން މިއަހަރު އެ ޤައުމުގައި މަދުވެގެން 635 މީހުން މަރުވެފައިވެއެވެ.

އޯގަސްޓު މަހު، ކޮންގޯގައި ކޭސްތައް އިތުރުވެ، ބުރުންޑީ، ޔުގަންޑާ އަދި ރުވާންޑާއަށް ބަލި ފެތުރުމާ ގުޅިގެން، ދެ އަހަރު ތެރޭގައި ދެވަނަ ފަހަރަށް ޑަބްލިޔުއެޗްއޯ އިން މި ވައިރަސްގެ ފެތުރުން ދުނިޔޭގެ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިޢުލާނުކުރިއެވެ.

ބައެއް ހުޅަނގުގެ ޤައުމުތަކުން އެފްރިކާގައި މި ބަލި ފެތުރުން ހުއްޓުވުމަށް އެމްޕޮކްސް ވެކްސިންގެ ޑޯޒުތައް ހަދިޔާކޮށްފައިވީ ނަމަވެސް، ރިޕޯޓުތަކުން ދައްކާ ގޮތުގައި އިތުރު ވެކްސިން އަވަހަށް ބޭނުންވެއެވެ.

އެފްރިކާގައި ފުރަތަމަ ފަހަރަށް އެމްޕޮކްސް ވެކްސިން ދިން ރުވާންޑާއަށް ހުކުރު ދުވަހު އިތުރު 5،000 ޑޯޒު ލިބޭނެކަމަށް އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައިވެއެވެ.

ނައިޖީރިއާގައި މި ވައިރަހާ ދެކޮޅަށް ވެކްސިން ދިނުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފެށޭނެކަމަށް އެފްރިކާ ސީޑީސީ އިން ބުނެފައިވެއެވެ.

ޔޫރަޕިއަން ކޮމިޝަނުން ހަދިޔާކޮށްފައިވާ 200،000 ވެކްސިން ލިބިފައިވާ ޑީއާރު ކޮންގޯގައި، ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ މުވައްޒަފުންނާއި ބަލި ޖެހިފައިވާ މީހުންނާ ގާތުން އުޅޭ މީހުންނަށް އިސްކަންދޭނެކަމަށް އެފްރިކާ ސީޑީސީ އިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް