ކ. މާލެ
|
14 އޯގަސްޓް 2024 | ބުދަ 22:45
 ތައިލެންޓުގެ ބޮޑުވަޒީރު ސެތާ ތަވިސިން
ތައިލެންޓުގެ ބޮޑުވަޒީރު ސެތާ ތަވިސިން
އީޕީއޭ
ތައިލެންޑްގެ ބޮޑުވަޒީރުގެ މަގާމް ގެއްލުވާލުން
ތައިލެންޑުގެ އެންމެ މަތީ ކޯޓުން ބޮޑުވަޒީރުގެ މަގާމު ގެއްލުވާލައިފި
މިއީ މިދިޔަ 16 އަހަރުގެ ތެރޭގައި އެ ކޯޓުން މަގާމުން ވަކި ކުރި ހަތަރުވަނަ ބޮޑު ވަޒީރެވެ.
ޚަބަރުގެ އޯޑިއޯ

ތައިލެންޑްގެ އެންމެ މަތީ ކޯޓުން އެ ގައުމުގެ ބޮޑު ވަޒީރު ސެތާ ތަވިސިންގެ މަގާމު ގެއްލުވާލައިފިއެވެ.

ކޯޓު ހުކުމާއެކު ތަވިސިން އަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލުނީ އޭނާގެ ކެބިނެޓަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއް މިނިސްޓަރު ކަމަށް އައްޔަން ކުރުމުންނެވެ.

ފަނޑިޔާރު އަދްޗާޗާން ބުދަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ ކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުން ނިންމީ ތަވިސިން ބޮޑުވަޒީރުގެ މަގާމުން ވަކިކުރުމަށެވެ.

ތަވިސިންގެ ކުށަކީ ކޯޓުން ބުނެފައިވާ ގޮތުގައި 2008 ވަނަ އަހަރު ކޯޓުން ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލަކު އޭނާގެ ކެބިނެޓްގެ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުން ބޮޑު ވަޒީރުގެ ކިބައިގައި ހުންނަން ޖެހޭ އަޚްލާގީ އަދި ސުލޫކީ މިންގަނޑު ފަހަނަ އަޅާ ދިޔުން ކަމަށެވެ.

ކޯޓުން މި ހުކުމް ކުރި އިރު މައްސަލަ ޖެހުނު މިނިސްޓަރު މަގާމު ހަމަޖެހުނުތާ 19 ދުވަސް ފަހުން ވަނީ އިސްތިއުފާވެސް ދީފައެވެ.

ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ ކުށެއް ކުރި ކަމަށް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކަށް އެފަދަ މަގާމެއް ހަމަޖެއްސުމުން ތަވިސިން ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައި ކަމަށެވެ.

މަގާމުގައި އަދި އަހަރެއް ނުވާ އުމުރުން 62 އަހަރުގެ ތަވިސިން ބޮޑު ވަޒީރު ކަމުގެ މަގާމުން ކޯޓުން ދުރުކުރުމާއެކު އޭނާ ވެފައިވަނީ މިދިޔަ 16 އަހަރުގެ ތެރޭގައި އެ ކޯޓުން މަގާމުން ވަކި ކުރި ހަތަރުވަނަ ބޮޑު ވަޒީރަށެވެ.

ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުން އައު ބޮޑު ވަޒީރެއް އިންތިޚާބު ކުރަންދެން ތައިލެނޑްގައި ހުންނަވާނީ ވަގުތީ ބޮޑު ވަޒީރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޯޓުގެ ހުކުމަށް ފަހު މަގާމުން ދުރުކުރެވުނު ތަވިސިން ވިދާޅުވީ، އޭނާގެ ކުށެއްނެތް ކަމުގެ އަމިއްލަ ނަފްސްގެ އިތުބާރު އެބައޮތް ކަމަށާއި އެހެން ނަމަވެސް ކޯޓުގެ ނިންމުމަކާ ދެކޮޅު ނުހައްދަވާ ކަމަށެވެ.

ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

ތަވިސިން ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތީ އެ ގައުމުގައި 9 އަހަރު ވަންދެން ހިނގަމުން އައި އަސްކަރީ ސަރުކާރު ނިމުމަކަށް ގެނެސް މި ދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ.

ތައިލެންޑް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ނިމިދިޔަ އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ވޯޓު ހޯދި މޫވް ފޯވާޑް ސިޔާސީ ޕާޓީ އުވާލާފައެވެ. އުވާލި ސަބަބެއް ކަމަށް ކޯޓުން ބުނީ ގާނޫނު އަސާސީ އާ ފުށުއަރާ އިންތިޚާބީ ވައުދުވެފައިވާތީ ކަމުގައެވެ. ޕާޓީ އުވާލުމުގެ އިތުރުން ފާޓީގެ އިސް ސަފުގެ 11 މީހުންނަށް ކުރިއަށް އޮތް 10 އަހަރު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން ވެސް ވަނީ މަނާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް