Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 10:48
ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު
ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު
ރޮއިޓަރސް
ތައިލެންޑް
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
ތައި ރޯޔަލް ހައުސްހޯލްޑް ބިއުރޯ އިން ބުނެފައިވާ ގޮތުގައި، ރާނީ ސިރްކިތު އަވަހާރަވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ބެންކޮކްގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އުމުރުން 93 އަހަރުގައި ރާނީ އަވަހާރަވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ރާނީ އަންނަނީ ހޮސްޕިޓަލްގައި އެނދުމަތިވެ ފަރުވާ ހޯއްދަވަމުންނެވެ.

ތައިލެންޑުގެ މިހާރުގެ ރަސްގެފާނު ވިޖިރަލޮންގްކޯންގެ މަންމާފުޅު، ކުރީގެ ރާނީ ސިރިކިތު އަވަހާރަވެއްޖެ އެވެ.

ތައި ރޯޔަލް ހައުސްހޯލްޑް ބިއުރޯ އިން ބުނެފައިވާ ގޮތުގައި، ރާނީ ސިރްކިތު އަވަހާރަވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ބެންކޮކްގެ ހޮސްޕިޓަލެއްގައި ކަމަށެވެ. އުމުރުން 93 އަހަރުގައި ރާނީ އަވަހާރަވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ރާނީ ގެންދަވަނީ ހޮސްޕިޓަލްގައި އެނދުމަތިވެ ފަރުވާ ހޯއްދަވަމުންނެވެ. އޭގެ ފަހުން މި މަހުގެ ތެރޭގައި ރާނީ އަށް ވަނީ ލޭގެ އިންފެކްޝަނެއް ވެސް ޖެހިވަޑައިގެންފަ އެވެ.

ތައިލެންޑުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖާ އެކު 60 އަހަރަށް ވުރެ ގިނަ ދުވަހު ކައިވެނިފުޅު ކުރައްވައިގެން ހުންނެވި ރާނީ ސިރިކިތުގެ ހަށިކޮޅު ބެންކޮކްގެ ގްރޭންޑް ޕެލަސްގެ ދުސިތު ތްރޯން ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރާނީގެ އާއިލާ އިން އެއް އަހަރު ދުވަސް ވަންދެން ހިތާމަ ފާޅު ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާނީ ސިރްކިތު އާއި ރަސްގެފާނު ބުމިބޯލް ބައްދަލުވެ ވަޑައިގަތީ ފްރާންސްގެ ޕެރިހުގައި މިޔުޒިކް ކިޔަވާ ވިދާޅުވަމުން ގެންދެވި ދުވަސްވަރު އެވެ. އޭރު ރާނީގެ ބައްޕާފުޅަކީ ފްރާންސްގައި ހުންނެވި ތައިލެންޑުގެ ސަފީރެވެ. 1980 ވަނަ އަހަރު ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ރާނީ ވިދާޅުވެފައި ވަނީ، ފުރަތަމަ ބައްދަލުވުމުގައި ރަސްގެފާނު ލަސްވެ ވަޑައިގެންނެވުމުން އެކަމާމެދު އެކަމަނާ ކޯފާވެ ވަޑައިގެންނެވި ކަމަށެވެ.

ދެ ބޭފުޅުން ކައިވެނި ކުރެއްވީ 1950 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަަނަ ދުވަހު އެވެ. އެއީ ރަސްގެފާނު ބުމިބޯލް ތާޖު އެޅުއްވި ދުވަހުގެ ހަފުތާއެއް ކުރިންނެވެ. 1960ގެ އަހަރު ތަކުގައި ދެ ބޭފުޅުން ދުނިޔޭގެ އެކި ހިސާބު ތަކަށް ދަތުރުފުޅު ކުރައްވައި، އެމެރިކާގެ ރައީސް ޑްވައިޓް އައިޒެންހަވާ އާއި، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަދި އެލްވިސް ޕްރެސްލީއާ ވެސް ބައްދަލު ކުރެއްވި އެވެ.

ރާނީ ސިރިކިތު އާންމު ތަންތަނުގައި މަދުން ފެނިވަޑައިގަންނަވަން ފެށީ، 2012 ވަނަ އަހަރު ސްޓްރޯކެއް ޖެހުނު ފަހުންނެވެ. ރާނީ ސިރިކިތުގެ އުފަން ދުވަަހަކީ އޯގަސްޓު މަހުގެ 12 ވަނަ ދުވަސް ކަމަށްވާއިރު، 1976 ވަނަ އަހަރުން ފެށިގެން އެ ދުވަހަކީ ތައިލެންޑުގައި މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ.

ރާނީ ސިރިކިތު އަވަހާރަވުމާ ގުޅިގެން ތައިލެންޑުގެ ބޮޑު ވަޒީރު އަނުޓިން ޗާންވިރަކުލް ވަނީ މެލޭޝިޔާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ސަމިޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ކެންސަލް ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް