ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ހުރިހާ ރަށެއްގައި ވެސް ކުޅިވަރުގެ މަޝްރޫއުތައް ހިންގާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބުދަ ދުވަހުގެ ޖަލްސާ އަށް ވަޒީރު ޙާޟިރުކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ.
އެ ޖަލްސާގައި ވަޒީރު އެހެން ވިދާޅުވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން މެމްބަރު ވިދާޅުވީ މި ސަރުކާރުގެ ގިނަ ވަޒީރުންނަށް އެކި އެކި ކަންކަމުގައި މެސެޖު ކުރައްވާ ހެއްދެވިއިރު، އެ މެސެޖުތަކަށް ޖަވާބު ދެއްވި ހަމައެކަނި ވަޒީރަކީ ކުޅިވަރު ވަޒީރު ކަމަށެވެ. އެހެންކަމުން އެގޮތުގައި ދެމި ހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
ވަޒީރު ރާފިއު ވިދާޅުވީ ކުޅިވަރަކީ އެންމެން އެއްތަން ކުރުވާ، އެއްބައިވަންތަ ކުރުވާ އެއްޗެއް ކަމަށެވެ. އަދި ކުޅިވަރަކީ އެކަމުގައި ހިތްހަމަ ނުޖެހުންތަކެއް ނުވަތަ ތަޅާ ފޮޅުންތަކެއް ގެންގުޅެން ޖެހޭ އެއްޗެއް ނޫން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ސަރުކާރުން އަމަލު ކުރަމުން ދާނީ ކުޅިވަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުޅިވަރުގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަަށް ގެންދާނީ ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް ތަފާތު ކުރުމެއް ނެތި ކަމަށް ވަޒީރު ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެ ވުޒާރާ ގައި ވަރަށް ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެ ހުރިހާ މަޝްރޫއެއް އެއްކޮލުމުން ދެ އަހަރު ދުވަހުގެ ބަޖެޓަށް ވުރެ ވެސް ބޮޑު އަދަދެއް އަރާ ކަމަށެވެ.
ކުރިން ދެންނެވި ފަދައިން ކުޅިވަރަކީ މި ސަރުކާރުގައި ވެސް، އަދި ކުޅިވަރަކީ ވެސް އެންމެން އެއް ކުރާ އެއްޗެއް. އެންމެން އެއްބައިވަންތަ ކުރުވާ އެއްޗެއް. މީގައި ހިތްހަމަ ނުޖެހުންތަކެއް، ނޫނިއްޔާ ތަޅާ ފޮޅުންތަކެއް ގެންގުޅޭ އެއްޗެއް ނޫން. އެހެންވީމާ ކުޅިވަރުގެ ރޫޙާއި އެއްގޮތަށް އަޅުގަނޑުމެން އަމަލު ކުރަމުން ދާނީ ވެސް. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ވަކި ރަށެއް، ވަކި ރީޖަނެއް ތަފާތު ކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫއުތައް އަޅުގަނޑުމެން މި ސަރުކާރުގައި ކުރިއަށް ގެންދާނީ.ޢަބްދުﷲ ރާފިއު (ރާއްޕެ) / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
މީގެ އިތުރުން ބުދަ ދުވަހުގެ ޖަލްސާގައި މެމްބަރުން ވަނީ އެކި އެކި ރަށްރަށުގައި ފަށާފައިވާ ކުޅިވަރުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަޒީރާ ސުވާލު ކޮށްފަ އެވެ.