އެމްޕޮކްސް ނުވަތަ މަންކީޕޮކްސް (މަކުނުވިދުރި) އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އެފްރިކާ ބައްރުގައި އިއުލާން ކޮށްފިއެވެ.
މިކަން އިއުލާން ކުރީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިންނެވެ.
ހަލުއި ކަމާއެކު ގައިންގަޔަށް އަރާ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާ ސީޑީސީ ގެ ސައިންޓިސްޓުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 450 މީހުން މި ބަލީގައި މަރުވެފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ.
މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ އިތުރު ޤައުމުތަކަށްވެސް ފެތުރިފައެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން ބައްޔާ ގުޅޭ ގޮތުން ސަރުކާރުތަކަށް ވިލަރެސްކުރުމަށް ފަސޭހަ ވުމާއި އަދި ބަލީގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެފްރިކާގެ ސީޑީސީ އިން ބުނެއެވެ.
އެފްރިކާ ސީޑީސީގެ ވެރިޔާ ޑރ. ޖީން ކަސޭޔާ ވިދާޅުވެފައިވަނީ މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ މިބަލި ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ އިޢުލާނަކީ ހަމައެކަނި އުސޫލީ ކަމެއް ނޫން ކަމަށާއި މިއީ އެއަށް ޢަމަލުކުރުމަށް ކުރާ އިއުލާނެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބަލީގެ ނުރައްކާ ނައްތާލެވޭނީ ކުރިއާ ލާ އަޅަން ޖެހޭ ފިޔަވަޅުތައް ހަލުއި ކަމާއެކު އަޅައިގެން ކަމަށެވެ.
އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އިއުލާން ކުރުމުން ދުނިޔޭގެ އެހެން ސަރަހައްދުތަކުން ވެސް މި ބައްޔަށް ސަމާލުވެ ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް އެފްރިކާގެ ސީޑީސީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި 29 ގައި ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އިން ބުނެފައިވަނީ ޔޫރަޕް ގައި މި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައެވެ.
އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ. ބައްޔަކީ ކޮންޓެކްޓް ވުމުން އަރާ ބައްޔަކަށް ވުމާއެކު ޖިންސީ ގުޅުމުގެ ޒަރީއާ އިންނާއި ހަމާއި ހަން ކޮންޓެކްޓް ވެގެންނާއި އަދި ބަލި ޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ވަރަށް ގާތުން ވާހަކަ ދެއްކުމުން ބުރާ ކުދި ޑްރޮޕްލެޓްތަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުން ހިމެނެއެވެ. ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ބައްޔަށް ތިން ވެކްސިނެއް ބޭނުން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ވެކްސިން ދެނީ ބަލި ޖެހުމުގެ ރިސްކް ބޮޑު މީހުންނަށާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެއެވެ.
އެފްރިކާ ސީޑީސީ ގެ ވެރިޔާ ޑރ. ކަސިޔާ ވިދާޅުވީ އެފްރިކާގައި އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް 10 މިލިއަން ވެކްސިން ޑޯޒް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.