މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށްފިއެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ އެ ޖަމްއިއްޔާ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަޓް މި ބައްޔަށް ބުދަ ދުވަހު ނެރެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފައިވަނީ އެމްޕޮކްސްގެ އައު ބާވަތެއް ހަލުއި ކަމާއެކު ފެތުރެމުންދާ ކަމަށެވެ.
މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަޓް ނެރުނު ދެވަނަ ފަހަރެވެ.
ޑަބްލިޔުއެޗްއޯ އިން މި ބަލީގެ ކުއްލި ނުރައްކަލުގެ ހާލަތު މި އިއުލާން ކުރީ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.
މިއަދު، އިމަޖެންސީ ކޮމިޓީ ބައްދަލުވެ، އެ ކޮމިޓީގެ ނަޒަރުގައި މި ހާލަތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކަމެއްކަމަށް އަޅުގަނޑަށް ލަފާދީފައިވޭ. އަޅުގަނޑު އެ ލަފާ ޤަބޫލުކޮށްފިން.ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް
އަދި މިއީ އެންމެން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 450 މީހުން މި ބަލީގައި މަރުވެފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ.
މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ 13 ޤައުމަކަށް ފެތުރިފައެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން ބައްޔާ ގުޅޭ ގޮތުން ސަރުކާރުތަކަށް ވިލަރެސްކުރުމަށް ފަސޭހަ ވުމާއި އަދި ބަލީގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ. ބައްޔަކީ ކޮންޓެކްޓް ވުމުން އަރާ ބައްޔަކަށް ވުމާއެކު ޖިންސީ ގުޅުމުގެ ޒަރީއާ އިންނާއި ހަމާއި ހަން ކޮންޓެކްޓް ވެގެންނާއި އަދި ބަލި ޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ވަރަށް ގާތުން ވާހަކަ ދެއްކުމުން ބުރާ ކުދި ޑްރޮޕްލެޓްތަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުން ހިމެނެއެވެ.
ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ބައްޔަށް ތިން ވެކްސިނެއް ބޭނުން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ވެކްސިން ދެނީ ބަލި ޖެހުމުގެ ރިސްކް ބޮޑު މީހުންނަށާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެއެވެ.
އެފްރިކާގެ ސީޑީސީ ގެ ވެރިޔާ ޑރ. ކަސިޔާ ވިދާޅުވީ އެފްރިކާގައި އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް 10 މިލިއަން ވެކްސިން ޑޯޒް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.