ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 16:59
ނައިމާ މުހައްމަދު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލެއްގައި
ނައިމާ މުހައްމަދު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލެއްގައި
ޓްވިޓަރ
އެމްޑީޕީގެ ނޫސްބަޔާން
ނައީމާއްތައާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތް އެމްޑީޕީން ކުށްވެރިކޮށްފި
މިކަން ބެލުމަށް އެންއައިސީއަށްވެސް ވަނީ ގޮވާލާފައި
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ މިފަދަ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމް ކުރުމަކީ ކަނޑައެޅިގެން ފުލުހުންގެ ޤާނޫނާ ޚިލާފް އަނިޔާވެރި ރަޙުމްކުޑަ ޢަމަލެއް
ނައީމާއްތަ ހައްޔަރުކުރުމަށްފަހު ފުލުހުންނަށް އެކިފަހަރުމަތިން ގޮވާލުމުންވެސް ޑިއުޓީގައި ތިބި އެއްވެސް މީހެއްގެ ސަމާލުކަމެއް ދީފައިނުވޭ

ހުކުރުދުވަހުގެރޭ އެމްޑީޕީ ހަރުގެ ކުރިމަތިން ހައްޔަރު ކުރި އެ ޕާޓީގެ ޚިދުމަތްތެރި އަދި ދޮށީ އުމުރުގެ ނައީމާ މުޙައްމަދު (ނައީމާއްތަ) އަތޮޅުވެހީގައި ހައްޔަރުކޮށް، ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެމްޑީޕީން ގޮވާލައިފިއެވެ.

 

މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުކުރުދުވަހުގެރޭ ނައީމާއްތަ ހައްޔަރުކޮށް އަތޮޅުވެހީގައި ބަންދުކޮށްފައިވަނީ އެތަނުގައި މީހުންނާ އިންޓަވިއުކުރުމަށް ހަދާފައި ހުންނަ ތަނެއްގައި ކަމަށާއި ނައީމާއްތަ ހައްޔަރުކުރުމަށްފަހު ފުލުހުންނަށް އެކިފަހަރުމަތިން ގޮވާލުމުންވެސް ޑިއުޓީގައި ތިބި އެއްވެސް މީހެއްގެ ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ. އަދި ފާޚާނާއަށް ދިއުމަށްވެސް ނައީމާއްތަ އެތަނުން ނެރެދީފައިވަނީ އަނެއްދުވަހުގެ ހެނދުނު ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

 

ނައީމާއްތަ ހައްޔަރުކުރީ ބިއްލޫރި ޖަހާފައިވާ ތަނެއްގައި ކަމުގައިވާތީ ހެނދުނު އިރުއެރުމާއެކު އެތަނުގެ ހޫނު ގަދަކަން އިތުރުވެގެންދިޔަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާއިރު، ކާން ނުވަތަ ބޯނެ އެއްވެސް އެއްޗެއް ނުދީ ބެހެއްޓުމަށްފަހު، ފެންވެސް ދީފައިވަނީ އަނެއްދުވަހުގެ ހެނދުނު 11 ގެ ފަހުން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ނައީމާއްތަ ގަވާއިދުން ކާ ބޭސް ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއެޅި ކަމަށާއި ނައީމާއްތައަށް ހޭލެވުނީ އެކޮޓަރިއަށް ބިދޭސީ 2 ފިރިހެނަކު، އިތުރު އަންހެން ފުލުހަކާ ނުލައި ހެނދުނު ވަނުމާއެކުގައި ކަމަށް ބުނެފައިވެއެވެ.

 

 

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ މިފަދަ އަސާސީ ޙައްޤުތަކުން އެމީހުން މަޙްރޫމް ކުރުމަކީ ކަނޑައެޅިގެން ފުލުހުންގެ ޤާނޫނާ ޚިލާފް އަނިޔާވެރި ރަޙުމްކުޑަ ޢަމަލެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އާންމުން ގެންދެވުނު ނަމަވެސް އެއީ އަނިޔާވެރިވުމަށް ފުލުހުންނަށް ދެވޭ ހުއްދައެއްނޫ ކަމަށް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 

މީހުން ހައްޔަރުކުުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތާއި ހައްޔަރުގައި ބެހެއްޓޭ މީހުންނާމެދު ޢަމަކުރަންވީ ގޮތްތައް ކަނޑައެޅިފައިވާއިރު އެ އުޞޫލުތަކާ ޚިލާފަށް ކަންކަން ހިނގަމުންދާކަން ތަކުރާރުކޮށް ހައްޔަރީންގެ ކިބައިން ހާމަވާ އިރު، އެފަދަ ކަންކަމާ މެދު ޕޮލިސް ކޮމިޝަނަރާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހިމޭނުންތިބުމަކީ ލަދުވެތި ކަމެއް ކަމަށް އެޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

 

ރެޔާ ދުވާލު މީހުންގެ ޙައްޤުތައް ފުލުހުން އަނިޔާވެރިކޮށް ނިގުޅާއިގަންނަމުން ދާއިރު، އެފަދަ ވާހަކަތައް ހާމަ ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކުމުގެ ގޮތުން ޕޮލިސް ކޮމިޝަނަރު ދައްކަވަނީ ނާތަހުޒީބު ވާހަކަތެއް ކަން ފާހަގަކުރަމުން، އެފަދަ ކަންކަމުން ދުރުވެ، ކޮމިޝަނަރާއި މިނިވަން މުވައްސަސާތަކުގެ ވެރިންނާ ޤަނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް